އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި މިއަދުކުރި މުޒާހަރާގެތެރެއިން ފުލުހުން އަނިޔާކުރި މީހެއްކަމަށް ބުނެ، ސޯޝަލް މީޑިއާތެރެއަށް ދޫކޮށްލި ފޮޓޯގެ ޙަޤީޤަތް، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ހާމަކުރައްވައިފިއެވެ.
މިއަދުގެ މުޒާހަރާގެތެރެއިން ފުލުހުން އިދިކޮޅުގެ ބައިވެރިއަކަށް އަނިޔާކުރިކަމަށް ބުނެ، ފޭސްބުކްގައި ފޮޓޯ ހިއްސާކޮށްފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓެކެވެ. މޫނުމަތި ޒަޚަމްވެފައިވާ މީހެއްގެ ފޮޓޯ ހިއްސާކުރަމުން އޭނާ ކުރި ޓްވީޓުގައި ބުނެފައިވަނީ މި ފެންނަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި، ސީޕީ ޙަމީދުގެ ޢަމުރުފުޅަށް މުޒާހަރާގެތެރެއިން މީހަކަށް ފުލުހުން ކުރި އަނިޔާ ކަމަށެވެ.
އޭނާ ކުރި ޓްވީޓުގެ ސްކްރީން ޝޮޓަކާއި، އެ ފޮޓޯގެ އަސްލު ޙަޤީޤަތް ހާމަކުރައްވައި ސީޕީ ޙަމީދު ވަނީ ދޮގު މަޢުލޫމާތު ފެތުރުން ހުއްޓައިލުމަށް ގޮވާލާ ހޭޝްޓެގާއެކު ޓްވީޓެއް ކުރައްވާފައެވެ. އެ ފޮޓޯއަކީ ލަންކާގެ ޑެއިލީ މިރަރ އިން ގެނެސްދީފައިވާ ޚަބަރެއްގައި ހިމަނާފައިވާ މީހެއްގެ ފޮޓޯއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ކުރި މުޒާހަރާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާވިކަން ކަށަވަރުވެފައިވެެެއެވެ. ފުލުހުން ޝިޔާމް ހިފަހައްޓަން އުޅުމުގެތެރޭ ވެއްޓިވަޑައިގެން ޝިޔާމްގެ ލޮލަށާއި, އަތަށް ތަދުވެފައިވެއެވެ. އޭގެ އިތުރުން މިއަދުގެ މުޒާހަރާގެ ބައެއް ބައިވެރިންނަށް ވެސް އަނިޔާވެފައިވެއެވެ.
ޝިޔާމް ވެއްޓިވަޑައިގެން ހިތްޕުޅަށް ތަދުވެ ވަޑައިގެންނެވި ކަމަށް ވަނީ ކަށަވަރު ވެފައި.