އިސްލާމީ މުޖުތަމަޢުއަކީ އެ މުޖުތަމަޢުގެ ބޮޑެތި މީހުންނަށް ވަރަށް ޚާއްސަ ޤަދަރަކާއި އިޙުތިރާމެއް ދީފައިވާ ބައެއްްކަމަށާއި އެ ކަމުގެ ޒިންމާވަނީ ޒުވާން ޖީލުތަކުގެ ކޮނޑުގައި އަޅުއްވާފައިކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
ޚުޠުބާގައި ވިދާޅުވީ އަޚްލާޤީ މަތިވެރި ސިފަތަކުގެތެރޭގައި ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލައި އެ މީހުންގެ ޙައްޤުތައް ދެނެގަނެ އެ ޙައްޤުތަކަށް ރައްކާތެރިވެ އަދަބު އިޙުތިރާމު އަދާކުރުން ހިމެނޭކަމަށެވެ. އަދި އެ މީހުންނަކީ މިއަދު ގައިބާރުދެރަވެފައިވާ ބައެއްކަމަށްވިޔަސް، އެ މީހުންނަކީ ދުނިޔޭގައި ގިނަދުވަހު އުޅެ ގިނަ ތަޖުރިބާތައްކޮށްފައިވާ އިސް ރަށްވެހިންކަމަށާއި މިއަދުގެ ޒުވާނުންނަށްޓަކައި ބުރަ މަސައްކަތްކޮށް ދާ އޮހޮރުވައި ޤުރުބާނީތަކެއްވެފައިވާ ބައެއްކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އެ ގޮތުން އެމީހުންނަށް ދޭންޖެހޭ ޙައްޤުތަކާއި ޤަދަރާއި އިޙުތިރާމުދިނުމަށް އިސްލާމްދީނުގައި އަމުރުކުރައްވައި ވަސިއްޔަތްކުރައްވާފައިވާކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެ ކަމުގެ ޒިންމާވަނީ ޒުވާން ޖީލުތަކުގެ ކޮނޑުގައި އަޅުއްވާފައިކަމަށާއި ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ޢުމުރުން ދުވަސްވީ މީހުން ބެލުމަށާއި ލޯތްބާއި އަޅާލުންދިނުމަށް ގަދައަމުރަކުން އަމުރުކުރައްވާފައިވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.
އޭގެ އިތުރުން ޚުޠުބާގައިވަނީ ދުވަސްވީ މީހުންނަށް އަޅާލުމުގައާއި އެ މީހުންނާއި މުޚާތަބުކުރުމުގައާއި ރިވެތި ގޮތްތަކާއި އަދަބުތައް ބެހެއްޓުން ހިމެނޭކަމަށް ވިދާޅުވެފައެވެ. އަދި މުޖުތަމަޢުގެ ކަންކަމުގައި އެ މީހުން ބައިވެރިކޮށް މަޝްވަރާ ހޯދުމާއި މިފަދަ ކަންކަމަކީ ކުރާ ކަންކަމުގައި ބަރަކާތްލައްވާނެކަމެއް ކަމަށް ވެސް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު އިޖުތިމާޢީ ގޮތުންނާއި ސިއްހީގޮތުން އެ މީހުންނަށް ރަނގަޅު ވެށްޓެއް ހޯދައިދޭންޖެހޭކަމަށާއި, ޢުމުރުން ދުވަސްވީމީހަކާއި މަސައްކަތެއް ހަވާލުކުރާނަމަ އެކަމެއް ހަވާލުކުރާނީ އެ މީހެއްގެ ސިއްހީ ހާލަތަށް ރިޢާޔަތްކޮށްފައިކަމަށް ވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.