ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުންދޭ ފައިސާގެ އިނާޔަތް އެ މީހުންނަށް ނޭނގި ބޭނުންކުރުމަކީ މުޖުތަމަޢުއިން ފެންނަ ޢަަމަލެއްކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
އެ މާލީ ޢިނާޔަތަކީ އެފަދަ މީހުން ބަލަހައްޓާ މީހުންނަށް ލިބެންޖެހޭ އެއްޗެއްކަމަށް ބައެއްފަރާތްތަކުން ދެކޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ޢުމުރުން ދުވަސްވީ މައިންބަފައިންނަށް ލިބޭ މާލީ ޢިނާޔަތާއި ހެދި ޢާއިލާގެ ތެރޭގައި އަރައިރުންވެ މަސްލަހަތުގެއްލުމުން ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކުރެވޭ ކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އޭގެ އިތުރުން ޚުޠުބާގައި ވަނީ ފިނި ކޮޓަރިތަކުގައި އަރާމު ތަންމަތީގައި ބައެއް މީހުން ނިދާއިރު، އެ ތަނަވަސްކަމާއި މުއްސަނދިކަން ހޯދައިދިނުމަށް މަސައްކަތްކުރި ޢުމުރުން ދުވަސްވީ މައިންބަފައިން ވައިރޯޅީގެ ފިނިކަމެއް ނުލިބޭ ހުރަގެތަކުގައި ގެންގުޅުމަކީ ދެބަސްނުވެވޭނެ ޙަޤީޤަތެއްކަން ފާހަގަކުރައްވާފައެވެ.
ޚުތުބާގައި ވިދާޅުވީ ޢުމުރުން ދުވަސްވެ ގައިބާރުދެރަވުމުން ޚާއްސައެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރކަޒަށް ފޮނުވާލަނީ ހިތުގައި އެއްވެސް ރަޙުމެއް ކުލުނެއްނެތި ކަމަށެވެ.
ހަމައެއާއެކު ޢުމުރުންދުވަސްވީ މީހުންނަށް ޢާއިލާގެ އަޅާލުމާއި ލޯބި އެންމެ ބޭނުންވާދުވަހު ގެއިން ނެރެލަނީ ތިމާގެ ހަޔާތަށް އެދުވަސްއައިސްދާނެކަމުގެ ފިކުރެއްނެތިކަމަށް ވެސް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.
މައިންބަފައިންނަށް އަޅާލާ އެހީވެ ބެލެހެއްޓުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ދަރިންކަން ހަނދާން ނައްތާލުވީ އެ ޒިންމާއާ ދައުލަތުން ހަވާލުވެ ދެއްވަންފެއްޓެވި އިނާޔަތް. މިކަމުގެ ސަބަބުން އާއިލާތައް ފިތުނަވެ މައިންބަފައިން ތިބެންޖެހެނީ އެ ފިތުނައިގެ އަލިފާންގަނޑުގެ މެދުގަ. އަދި މިގޮތަށް ފައިސާތަކެއް ދީގެން ދަރިންގެ އެހީތެރިކަން ލިބޭ މައިންބަފައިންނަކަށް ހަޤީޤަތުގަ ދަރިން ތިމާ ބަލަހައްޓަނީ ލޯބިން ކަމުގެ އިޙްސާސެއް ނުކުރެވޭނެ. ދައުލަތުގެ އެހީގެޙައްގުވެރިންނަކީ ނިކަމެތި ފަޤީރުން.