މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މާތް ﷲ ގެ ދީނަށް ނަޞްރު ދިނުންކަމަށާއި މުސްލިމުން އެކަމުގައި ފަރުވާކުޑަކޮށްފިނަމަ ﷲ ގެ ދީނަށް ނަޞްރުދޭނެ މާ ހެޔޮބަޔަކު އެ އިލާހު ގެންނަވާނެކަން ޚުޠުބާގައި ހަނދާންކޮށްދެއްްވައިފިއެވެ.
މިއަދުގެ ޚުޠުބާގައި ޚަޠީބު ވަނީ މި ކަމަށް ޢިޝާރަތްކުރައްވާފައިވާ ޢާޔަތްތަކެއް ވިދާޅުވެެދެއްވާފައެވެ.
”…وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَـٰلَكُم“(ސޫރަތުލް މުޙައްމަދު -38)
މާނައީ: ”…އަދި ތިޔަބައިމީހުން އެނބުރި ފުރަގަސްދޭނަމަ, ތިޔަބައިމީހުންގެ ބަދަލު ތިޔަބައިމީހުން ނޫން ބަޔަކު އެކަލާނގެ ގެންނަވާ ހުއްޓެވެ. ދެން ތިޔަބައިމީހުންފަދަ ބަޔަކުކަމުގައި އެއުރެން ނުވާނެތެވެ.“
”فَلَآ أُقۡسِمُ بِرَبِّ ٱلۡمَشَـٰرِقِ وَٱلۡمَغَـٰرِبِ إِنَّا لَقَـٰدِرُونَ • عَلَىٰٓ أَن نُّبَدِّلَ خَيۡرً۬ا مِّنۡهُمۡ وَمَا نَحۡنُ بِمَسۡبُوقِينَ •“(ސޫރަތުލް މަޢާރިޖް 40-41)
މާނައީ: ”ހަމަހިލާ އެހެނަކުން ނުވާނެއެވެ. ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެއުރެން ހެއްދެވީ އެއުރެން ދަންނަ އެއްޗަކުންނެވެ. ފަހެ މަޝްރިޤުތަކާއި މަޣްރިބުތަކުގެ ވެރި ރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. ފަހެ އެއުރެންގެ ބަދަލުގައި އެއުރެންނަށްވުރެ ހެޔޮބަޔަކު ގެންނެވުމަށް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން ކަށަވަރެވެ. އަދި ތިމަން ރަސްކަލާނގެ ނުކުޅެދިވޮޑިގެންވާ ކަލަކުކަމުގައި ނުވަމެވެ.“
ޚުޠުބާގައި މި ކަންކަމަށް އަލިއަޅުއްވާލައްވާފައިވާއިރު ދީނަށް ނަޞްރުދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއްކަން ހާމަވެެއްޖެއެވެ.
އެހެންކަމުން ދީނަށް ފުރައްސާރަކޮށް މުސްލިމުންނަށް އިހާނެތިވާ މީހުންގެ ޙައްޤުގައި ދީނަށް ނަޞްރުދޭން ޖެހެެއެވެ.
މި ގޮތުން ކަމެއް ފާހަގަކޮށްލަންތޯއެވެ. އިސްލާމްދީނަށް ފުރައްސާރަކުރި ”އުތެމަ“ ޖަމްޢިއްޔާ އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެއެވެ. އޭގެ އިތުރުން “އެންޑީއެމް“ ގެ ޢަމަލުތައް ފެނިގެން ވެސް ހިނގައްޖެއެވެ. ފަހެ އެހެން ފުރައްސާރަކުރާއިރު ދީނަށް ނަޞްރު ނުދީ ބަލައްހައްޓައިގެން ތިބުމުން ދެން ވާނެ ގޮތޭތޯއެވެ.
ކޮންމެ ނަޒަރަކުން ބެލިޔަސް އޭގެ ގެއްލުން ނުހަނު ބޮޑެވެ. އެފަދަ ކަންކަމަށް ފިޔަވަޅު ނާޅައި އެފަދަ މީހުން ހިމާޔަތްކުރުމަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެކޭ ބުނެ ދީނަށް ވެވޭ ކިހައިބޮޑު އިހުމާލެއްތޯއެވެ.
ފުރުސަތު އެ ދެވުނީ, ހިތްވަރު އެ ދެވުނީ, އުންމީދު އެ އާކޮށްދިނީ އެފަދަ އިތުރު ޢަމަލުތައް ހިންގުމަކަށް ނޫންތޯއެވެ. އެހެންކަމުން ޚުޠުބާގައި ވިދާޅުވިފަދައިން އެހެންބަޔަކު ގެނައުމަށް ވެސް ﷲ ކުޅަދުންވަންތައެވެ.
އެހެންކަމުން ޤައުމުގެ ވެރިން މިކަމާމެދު ފުންކޮށް ފިކުރު ހިންގަވަން ޖެހިވަޑައިގަންނަވާނެއެވެ. ކަށަަވަރެވެ. އެ ބައެއްގެ ހާލަތު އަމިއްލައަށް ބަދަލުކޮށްފުމަށް ދާންދެން ﷲ އެ ބައެއްގެ ހާލަތު ބަދަލެއް ނުކުރައްވައެވެ.