ޙައްޤާއި ބާޠިލާއި ދެމެދު އުފެދުނު ދެބަސްވުން ޤިޔާމަތާއި ޖެހެންދެން ވެސް އޮންނާނެކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެެއްޖެއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ﷲ އިންސާނާއަށް ބުއްދި ދެއްވައި އިންސާނާގެ ޚިދުމަތުގައި މަޚުލޫގުން ލެއްވިކަމަށެވެ. އަދި އަމާނަތްތައް އުފުލައި ބިން ތަޢްމީރުކުރުމުގެ ޒިންމާ އިންސާނާއާއި ހަވާލުކުރެއްވި ކަމަށެވެ.
ނަމަވެސް އެއްބަޔަކު އީމާންވެ އަނެއްބަޔަކު ކާފިރުވި ކަމަށާއި ބިންމަތީގައި އުފެދުނު ކޯޅުމަކީ ކާފިރުކަމާއި އީމާންކަމާދެމެދު އުފެދުނު ކޯޅުންކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ. އަދި އެއީ ހިދާޔަތާއި އަނދިރިކަމާއި ދެމެދުގައި އޮތް އަރައިރުންވުމެއް ކަމަށާއި ޙައްޤާއި ބާޠިލާއި ދެމެދު އުފެދުނު ދެބަސްވުމެއްކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އޭގެ އިތުރުން ޚުޠުބާގައިވަނީ ޙައްޤާއި ބާޠިލާއި ދެމެދު އުފެދުނު އެ ދެބަސްވުން ޤިޔާމަތާއި ޖެހެންދެން ވެސް އޮންނާނެކަމަށާއި ޙައްޤުގެ މަތީގައި ތިބޭ މީހުން ޤިޔާމަތަށްދާންދެން ސާބިތުކަންމަތީގައި ތިބޭނެކަން ވެސް ފާހަަގަކުރައްވާފައެވެ. އަދި އެ ފަދަ މީހުންނަށް ﷲ ގެ ނަޞްރާއި މަދަދުލިބި އާޚިރުގައި ދާއިމީ ނިޢުމަތް ލިބޭނެކަމަށާއި ޙައްޤުގެ މަގު ދޫކޮށް ބާޠިލްގެ މަގަށް ތަބާވި މީހުންނަށް ނިކަމެތިކަން ލިބި އާޚިރަތުގައި އެފަދަ މީހުން ދާއިމީ އަޒާބަށް ހުށަހެޅިގެންދާނެކަމަށް ވެސް ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވަނީ ޙައްޤުގެ މަގު ދޫކޮށް ބާޠިލްގެ މަގަށް ތަބާވި މީހުންނަށް ނިކަމެތިކަން ލިބި އާޚިރަތުގައި އެފަދަ މީހުން ދާއިމީ އަޒާބަށް ހުށަހެޅިގެން ގޮސްފައިވާކަމުގެ ވަރުގަދަ މިސާލުތައް ނަންގަވާފައެވެ.
އެ ގޮތުން ޚުޠުބާގައިވަނީ މިޞްރުގެ ފިރުއަޢުނާއި އޭނާގެ ލަޝްކަރު ޣަރަޤުކުރެވުނުކަމާއި ޢާދު ބާގައިގެ މީހުންގެ މައްޗަށް ގަދަފަދަ ވައެއް ފޮނުއްވިކަމާއި ގަދަ އަޑެއް ފޮނުއްވައި ޘަމޫދު ބާގައިގެ މީހުން ނެތިކުރެއްވިކަމާއި ޤާރޫނާއި އޭނާގެ ގޯތި ބިމަށް ގަންބަވައިގަތްކަން ފާހަގަކުރައްވައި ﷲ ގެ އިންޒާރުގެ މަތިން ހަނދާންކޮށްދެއްވާފައެވެ.