އިންސާނާ ހަމައެކަނި އޭނާ ހެއްދެވުނުގޮތާމެދު ފިކުރުކުރި ނަމަވެސް, އީމާންތެރިކަން ވަރުގަދަވެ މާތްﷲ ގެ ކުޅަދުންވަންތަކަން ހާމަވެގެންދާނެކަމަށް ހުކުރު ޚުތުބާގައި ފާހަގަކުރައްވައިފިއެވެ.
މިކަމަށް އަލިއަޅުއްވަިލައްވައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވީ ﷲ އިންސާނާ ޚަލްޤުކުރައްވައި ފެށުމާއި ނިމުމުގެ ރާސްތާ ދެއްކެވި ކަމަށެވެ.
އެގޮތުން ގަދަފަދަކަމާއި ބަލިކަށިކަން ޙަޔާތުގައި ލައްވައި އެ އިންސާނާގެ މައިމީހާގެ ބަނޑުގައި މަރުހަލާތަކެއް ހޭދަކުރާގޮތަށް ލެއްވިކަމަށް ވެސް ޚުތުބާގައި ވިދާޅުވިއެވެ.
ހަމައެއާއެކު ބަލިކަށިކަމަށްފަހު ބާރެއް ލައްވައި ބާރަށްފަހު ބަލިކަށިކަމާއި ދުވަސްވުމުގެ ދެރަކަމާއި ނިކަމެތިކަންވެސް ލެއްވިކަމަށާއި އެ ކަންކަމަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކެއްކަމަށް ވެސް ވިދާޅުވިއެވެ.
މި ގޮތުން ކީރިތި ޤުރުއާނަަށް ޢިޝާރަތްކުރައްވަމުން ޚަޠީބު ވަނީ ސޫރަތުލް ޤިޔާމަތުގެ 36 ވަނަ ޢާޔަތުން 40 ވަނަ ޢާޔަތާއި ހަމައަށް ވިދާޅުވެފައެވެ.
”أَيَحۡسَبُ ٱلۡإِنسَـٰنُ أَن يُتۡرَكَ سُدًى • أَلَمۡ يَكُ نُطۡفَةً۬ مِّن مَّنِىٍّ۬ يُمۡنَىٰ • ثُمَّ كَانَ عَلَقَةً۬ فَخَلَقَ فَسَوَّىٰ • فَجَعَلَ مِنۡهُ ٱلزَّوۡجَيۡنِ ٱلذَّكَرَ وَٱلۡأُنثَىٰٓ • أَلَيۡسَ ذَٲلِكَ بِقَـٰدِرٍ عَلَىٰٓ أَن يُحۡـِۧىَ ٱلۡمَوۡتَىٰ“(ސޫރަތުލް 36-40)
މާނައީ: ބޭކާރުގޮތުގައި އިންސާނާ ދޫކޮށްލާނެކަމަށް އޭނާ ހީކުރަނީ ހެއްޔެވެ. އޮހޮރައިލެވޭ މަނީގެ ތިއްކެއްކަމުގައި އޭނާ ނުވޭހެއްޔެވެ. ދެން ގަނޑު ލޭކޮޅެއްކަމުގައި އޭނާ ވިއެވެ. ފަހެ އެކަލާނގެ އެ އިންސާނާ ހައްދަވައި ފުރިހަމަކުރެއްވިއެވެ. ފަހެ އޭނާގެ ކިބައިން ފިރިހެން އަންހެން ދެ ބާވަތް އުފެއްދެވިއެވެ. އކަން އެ ގޮތަށް ކުރެއްވި ރަސްކަލާނގެ މަރުވެފައިވާ މީހުން އަލުން ދިރުއްވުމަށް ކުޅަދުންތަވެވޮޑިގެންނުވޭ ހެއްޔެވެ!“