ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ސަރުކާރުން ކަނޑައަޅައިފިއެވެ.
މިކަން ހާމަ ކުރައްވާ ރައީސް އޮފީހުން މިއަދު ވިދާޅުވީ ޢަރަބިއްޔާ ސްކޫލް އަޅާނެ ބިން ކަނޑައަޅުއްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ’ހަފުތާ 14‘ ގައި ޢަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
ޢަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށި ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
މި ސަރުކާރުގެ ހަފްތާ 14 ގައި ޢަރަބިއްޔާ ސްކޫލުގެ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ނިންމާފައެވެ.
ޢަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި ޢަރަބި ބަހުން ތަޢުލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާއެކު، މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި، ޖާގައިގެ ގޮތުން ތަނަވަސް، ޒަމާނީ އާ އިމާރާތެއް ބިނާކޮށް، އެތަނަށް ޢަރަބިއްޔާ ސްކޫލް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ”ދިވެހީންގެރާއްޖެ“ މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ.
މިގޮތުން ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ޢަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށުމަށް ވެސް ރައީސް ވައުދުވެވަޑައިގެންފައި ވެއެވެ.
ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތި އުނދަގޫތައް ތަޙައްމަލު ކުރަމުންނެވެ.
އެހެންކަމުން އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް ދުވަސްތަކެއް ވެފަ އެވެ.
ރައީސް އޮފީހުން ވިދާޅުވީ ޢަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.