މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސްގެ ނަން ރައީސް ޑރ. މުހައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މާލެ ހޮސްޕިޓަލްސް ގްރޫޕް (ދަރުމަވަންތަ ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް) ގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ، ”މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް“ ގެ ނަން ”މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް“ ގެ ނަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވާފައިވާ ކަމަށެވެ.
މިބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ބޯޑު އިދާރީ ގޮތުން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން މި ބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑް އަލުން އެކުލަވައިލެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.