ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރެއިން އަނިޔާވި އެކަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރޭ އިރާކޮޅު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރީގައި ކާރަކާއި 3 ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވިއެވެ. އެ މީހުންނަށް ފަރުވާދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. ފަރުވާދިނުމަށްފަހު އޭގެތެރެއިން ދެ މީހަކު ވަނީ ދޫކޮށްލައިފައެވެ.
ސީރިއަސް އަނިޔާތަކެއް ލިބުނު ދެ މީހުން ފަހުން އޭޑީކޭއަށް ބަދަލުކުރީއެވެ. އޭގެތެރެއިން އެކަކަށް އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު ދެން ހުރި މީހާއަށް ފަރުވާ ދެމުން އަންނަނީ އެޗްޑީޔޫގައެވެ.
ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދިި ނުލިބެއެވެ.