މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރުމުގެ ހައިސިއްޔަތު ގެއްލިފައިވާކަން ރިޔާސަތުން މިއަދު އަންގައިފިއެވެ.
މަޖިލީހުގައި އެމްއެންޕީ ތަމްސީލު ކުރެއްވުމަށް މީގެކުރިން ތިއްބެވީ ތިން މެންބަރުންނެވެ. އެއީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމާއި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމާއި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟެވެ.
މި ސަރުކާރުގެ ބަންޑާރަ ނައިބުގެ މަގާމު ލިބިވަޑައިގަތުމުން އުޝާމް ވަނީ މެންބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ ޕާޓީގެ މެންބަރުންގެ އަދަދު ތިނަކަށްވުރެ މަދުވެއްޖެނަމަ އެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.
އެގޮތުން އެމްއެންޕީއަށް މަޖިލީހުގައި ތަމްސީލުކުރަން ލިބުނު ހައިސިއްޔަތު މިހާރު އެ ޕާޓީއަށް ގެއްލިފައިވާ ކަމަށް އަސްލަމް އިއުލާނު ކުރެއްވިއެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ނާޒިމާއި ރިޔާޟް މިހާރު މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ މިނިވަން މެންބަރުންގެ ގޮތުގައެވެ.