ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހު ކަހްފު ސޫރަތް ކޮންމެހެންވެސް ކިޔަވުމަކީ އަހަރެމެން މުސްލިމުންނަށް ނުހަނު ގިނަ ގުނަ ދަރުމަ ހުރިކަމެކެވެ. ހުކުރު ދުވަހު ނުވަތަ ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވިދާނެއެވެ. ބުރާސްފަތި ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ވިލޭރޭ ފެށުނީއެވެ. އަދި ހުކުރު ދުވަހުގެ އިރު އޮއްސުމާއެކު ހުކުރު ދުވަސް ނިމުނީއެވެ. ވުމާއެކު ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔުމުގެ ވަޤުތަކީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުމުން ފެށިގެން ހުކުރު ދުވަހުގެ އިރު އޮއްސުމާއި ހަމައަށެވެ.
އަލްމުނާވީ رحمه الله ވިދާޅުވެފައިވެއެވެ. ”އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.“ ބައެއް ރިވާޔަތްތަކުގައި ”ހުކުރު ދުވަހު“ އަދި ބައެއް ރިވާޔަތްތަކުގައި ”ހުކުރު ވިލޭރޭ“ ބަޔާންވެފައިވެއެވެ. ދުވަހެއް އެދުވަހުގެ ރެޔާއެކު ބުނެވޭ ބަހުގެ މާނައަކީ ރޭގަނޑު އޭގެ ދުވާލުގަޑިއާއެކު ވުމެވެ.“
فيض القدير (6 / 199)
އަލްމުނާވީ رحمه الله އަދިވެސް ވިދާޅުވެފައިވެއެވެ. ”ފަހެ އައްޝާފިޢީ رحمه الله ނައްޞު ކުރައްވާފައިވާ ފަދައިން ހުކުރު ދުވަހާއި ހަމަ އެފަދައިން ހުކުރު ވިލޭރޭ ކަހްފު ސޫރަތް ކިޔެވުން ސުންނަތްވެގެންވެއެވެ.“
فيض القدير (6 / 198)
ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))[1] މާނައީ: ”ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.“ އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. ((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق))[2] މާނައީ: ”ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.“
އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ހާސިލުކުރުމަށް ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔެވުމަށް އާދަކުރަމާތޯ؟ އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ވަމާހިނގާށެވެ.
ނޯޓް: މި ލިޔުމަށް ބައެއް މައުލޫމާތު ނަގާފައިވަނީ : ޢިލްމު އޮޑިޓޯރިއަލުންނެވެ.