ސާޅީސްވަނަ ބައި
އެނދުގައި އޮތް މިފްޒާލްގެ ހިޔާލުގައިވަނީ ރައިޒެލްއާއެކު މިރޭ ހޭދަކުރެވުނު ވަގުތުތަކެވެ. ތުންފަތުގައި ލުއިން ހިނިތުންވުމެއްވީއިރު ލޮލުން ފެންނަމުން ދިޔައީ ކުރިމަގާ މެދު ކުރަމުން ދިޔަ އުއްމީދެވެ. ފޯނަށް މެސެޖެއް އައި އަޑުއިވިފައި އަވަހަށް ބަލައިލީ ރައިޒެލް ކަމަށް ހީކޮށެވެ. ނުވެސް ދަންނަ ނަމެއް ޖަހާފައި އިން ނަމްބަރަކުން ފޮނުވާލި އެމެސެޖުގައި އިނީ މިފްޒާލްގެ ނަމުން ގޮވާލާފައެވެ. ކާކުކަން ނޭނގުމުން ޕްރޮފައިލަށް ލާފައި ފޮޓޯ މިފްޒާލް ބަލައިލިއެވެ. ކުރިން ދުވަހަކުވެސް ދެކެފައި ނުވާ އަންހެންކުއްޖެކެވެ. ބަލާބެލުމަށް ހީވަނީ ވަރަށް ޅަކުއްޖެއް ހެންނެވެ. މެސެޖަށް ޖަވާބެއް ދޭކަށް މިފްޒާލް ނުވިސްނިއެވެ. ކުރިން އޭނާއާ އެއްކޮށް އުޅުނު އަންހެންކުއްޖެއް ޖެއްސުން ކުރަނީ ކަމަށް ނިންމުމަށްފަހު ފޯނު ލޮކް ކޮށްލާފައި ދުރުގައި ބޭއްވިއެވެ.
************
ހެނދުނު ހޭލައިގެން މިފްޒާލާއި އިޔާދު ކޮޓަރިން ނިކުތީ އެކީގައެވެ. އެއާއެކު އިވިގެން ދިޔައީ ރައިޒެލްއާއި މާހިރާގެ ދެބަސްވުމުގެ އަޑެވެ. ދެމީހުންވެސް ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރިކަމާއެކު ނަމަވެސް އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. އެދެމީހުންގެ ވާހަކަތައް އަޑުއަހަން އިނދެފައި ޝިގާ ތެދުވީ މިފްޒާލާއި އިޔާދު ފެނުމުންނެވެ. އެމީހުންނަށް އައުމަށް އިޝާރާތް ކުރަމުން އެމީހުން ގޮވައިގެން ޝިގާ ނިކުތީ ބޭރު ޖޯއްޔަށެވެ.
”ކިހިނެއްވީ އަނެއްކާ…؟ އަހަރެންގެ ސަބަބުންތަ؟ “ ޝައްކުވެފައި އިނދެ އަވަސް އަވަހަށް މިފްޒާލް އެހިއެވެ.
”މިފޫ އަނެއްކާ ރޭގަ އެކޮޓަރިއަށް ވަނީތަ އަހަރެމެން ނެތްގަޑި ބަލާފައި… “ އިޔާދު ބުނެލިއެވެ. އެހިނދު ޝިގާ ދަތްކުޑިވިކާލަމުން އިޔާދުއާ ދިމާލަށް ލޯއަޅައިލިއެވެ.
”މި އިޔާ ވަރަށް ލާނެތް ވެއްޖެ މިހާރު.. ކުރިން މީހަކު ބަހެއް ކީމަ ނޫނީ އަނގަ ހުޅުވާވެސް ނުލާނެ..“ ޝިގާ ބުނެލިއެވެ.
”އަހަރެމެން ވިއްޔާ ތިބީ މިގޭގަ ދޯ.. ތިދެމީހުން ގޮސް ވަނީ ކޮންތަނަކަށް ކަމެއްވެސް ނޭނގޭ..“ މިފްޒާލް ބުނެލިއެވެ.
”ޕިސް ޕިސް.. ތިދެމީހުން މިތާ ބައިތިއްބާފަ އަހަރެން މިދަނީ.. “ ޝިގާ ދާން ވެގެން ތެދުވިއެވެ.
”ސޮރީ ސޮރީ… ދެން ކިޔާދީބަލަ އެދެމައިންނަށް ވެގެން އެއުޅޭ ގޮތެއް… “ ޝިގާގެ އަތުގައި ހިފާ އަލުން ޖޯލީގައި ބައިންދަމުން އިޔާދު ބުންޏެވެ.
”ރައިއާއެކު އެރަށައް ހިނގާށޭ ބުނީމަ ރައި މަންމަ ދެކޮޅު ހެދީ.. ބުނީ މިގެ ދޫކޮށްލާފައި ނުދެވޭނެޔޯ.. އެހެންވެ ރައި ރުޅި އައީ… “ ޝިގާ ކިޔައިދިނެވެ.
”އާނ ދެން މިތާ އުޅުމުގެ ބޭނުމެއް ނެތެއްނު.. މީ އަސްލު އެމީހުންގެ ރަށެއްވެސް ނޫންވިއްޔަ.. “ މިފްޒާލް އެހެން ބުނުމުން ޝިގާއާއި އިޔާދު ހައިރާންވެފައި މިފްޒާލަށް ބަލައިލިއެވެ. އެމީހުންނަށް ނޭނގޭ ވާހަކައެއް ބުނުމުންނެވެ. އެދެމީހުން ބަލަން ތިބި ގޮތުން އެއީ އެމީހުންނަށް އާ ވާހަކައެއް ކަން މިފްޒާލަށް އެނގުނެވެ.
”އާނ އިއްޔަގަ ރައިގެ މަންމަ ބުނީ.. އެމީހުންގެ އަސްލު ރަށަކީ އެހެން ރަށެއް.. އެރަށުގައި ނެތް އެމީހުންގެ އަމިއްލަ ގެއެއްވެސް.. ރައިގެ މަންމަ އަސްލަމާ އިނދެގެން މިރަށައް ބަދުލުވުމާއެކު ރައިގެ ބޮޑުބޭބެ އެގެ ވިއްކާލާފައި ދިރިއުޅުން ބޭރު ޤައުމަކަށް ބަދަލުކުރީ.. މިވެސް އެއަސްލަމްގެ ގެއެއް.. ދެން ކީއްކުރަން މިތާ އުޅެންވީ.. ރައި ބުނާ ގޮތް ހަދާނެނަމަ ކިހާ ރަނގަޅު.. “ މިފްޒާލް ކިޔައިދިނެވެ. އެމީހުން ވާހަކަ ދައްކަން ތިއްބާ ރައިޒެލް ބޯދިއްކޮށްލިއެވެ. އިޔާދުއާއި މިފްޒާލް ކައިރީގައި ސައި ހެދިފައި ހުރި ވާހަކަ ބުނެލީ ހިނިތުންވެލަމުންނެވެ. ކަމަކާ ހިތްހަމަނުޖެހިފައި ހުރިކަމުގެ ނިޝާނެއްވެސް ރައިޒެލްގެ މޫނުމަތިން ފެންނާކަށް ނެތެވެ. ނޫނީ ރައިޒެލް އެހުރީ އެހުރިހާ އިހުސާސްތަކެއް ފޮރުވައިގެންނެވެ.
**************
ޝިރުފާ މާޝިތާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ހެނދުނު ސައިބޯން އިނދެފައެވެ. އޭނާ ހީކުރީ ގޮތާ ހިލާފެއް މާޝިތާގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ނަމަވެސް އިނީ ކަމަކާ ހިތްހަމަނުޖެހިފައިހެން ހީވެއެވެ.
”މަންމައަށް ކުރިންވެސް އެނގޭ ވާހަކަތަކެއްތަ މިކިޔައިދިނީ… “ ޝައްކުވެފައި އިނދެ ޝިރުފާ އެހިއެވެ. މާޝިތާ ވަކި އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހައިލީއެވެ.
”އަރީން ފަކީރު ނުނިކުމޭ ސައިބޯންވެސް.. އެހެންޏާ ފަތިހު ހޭލާ ގޮތަށް ކޮލެޖަށް ދާން ވަންދެން އަހަރެންނާއެކު ބަދިގޭގައި އުޅޭނެ.. “ ޝިރުފާ ބުނެލިއެވެ. މާޝިތާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް އާސިމް ފެނިއްޖެއެވެ. މޮޅު ހިޔާލެއް ލިބުމާއެކު މާޝިތާ އާސިމްއަށް ގޮވާލައިފިއެވެ.
”އާސިމް!! ދޭބަލަ އަރީންއަށް ގޮވާފައި ސައިބޯން އަންނާށޭ ބުނަން.. “ މާޝިތާ އެހެން ބުނުމާއެކު އާސިމްގެ މޫނުމަތި ބަނަވެއްޖެއެވެ. މަންމަ ގޮވާން ދާށޭ މާޝިތާއާ ދިމާލަށް ބުނެލައިފިއެވެ.
”އެންމެ ރަނގަޅު.. އާދޭ މަންމަމެންނާއެކު ސައިބޯން.. އިއްޔެވެސް ސައި ނުބޮއެއެއްނު އޮފީހަށް ދިޔައީ.. “ މާޝިތާ ބުންޏެވެ.
”މަންމަމެން ސައިބޯލާ.. ސައިބޯހިތެއް ނެތް.. “ އެމީހުންނަށް ބަލާލުމެއްނެތި ހަރުގަނޑުން ބޫޓު ހިފައިގެން އާސިމް ބޭރަށް ނިކުމެއްޖެއެވެ. ހިތްހަމަނުޖެހިފައި އިން މާޝިތާ އޭނާގެ އަތުގައިވާ ރޮށިކޮޅު ތަށިތެރެއަށް ވައްޓާލައިފިއެވެ.
”ރައިޒެލް އަހަރެމެންގެ އާއިލާ ރޫޅާލައިފި… “ މާޝިތާ ނުރުހިފައި ބުންޏެވެ.
”އެހެން ނުބުނޭ މަންމާ! ރައިޒެލް ކީއްކުރީ.. އޭނަ އާސިމްދެކެ ލޯބިނުވަންޏާ އޭގައި އޭނަގެ ކޮންކުށެއް އޮތީ..“ މާޝިތާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ޝިރުފާ ބުންޏެވެ.
”އޮތީ ހުސް ރައިޒެލްގެ ކުށް.. އޭނަ މިގެއަށް އައުމުގެ ކުރިން އަހަރެމެން އުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެއް.. ރައިޒެލްގެ މަޤްސަދަކީ އަހަރެންނާއި އަހަރެންގެ ދަރިން ވަކިކޮށްލުން ކަހަލަ.. އެންމެ ފުރަތަމަ ޝިގާ.. އެކުއްޖާއަށް އަހަރެމެންނާއެކު އެންމެ ފަސް މިނިޓްވެސް ވާހަކަ ދައްކާލަން މަޑުނުކުރެވޭ.. އަބަދު ރައިޒެލް ފޫބުޑުގައި އެއުޅެނީ.. ދެން މިހާރު އާސިމް.. ރައިޒެލް އޭނައަށް ޖެއްސީ ކޮންކަހަލަ ޖާދޫއެއް ކަމެއްވެސް ނޭނގެ.. ޝިރުފާ އަހަރެންނަށް ތިވާހަކަތައް ކިޔައިދިނުމުގެ މާކުރިން އަހަރެންނަށް އޭނަގެ ގޮތް އެނގޭ.. އެއީ ފިރިހެނުންނާއިއެކު އެނދު ފަޅުފިލުވައިދޭން އުޅޭ ނުބައި އަންހެނެއް.. އޭނަގެ މަޤްސަދަކީ ޝިގާވެސް އެމަގުން ގެންދިއުން.. އަހަރެންގެ އާސިމްގެ ހިތާ އޭނަ އެކުޅެލަނީ ބޭނުން ގޮތަކަށް.. “ މާޝިތާ ރުޅި އައިސްފައި އިންވަރުން ކިޔޭ ނުކިޔޭއެއްވެސް ނޭނގޭ ކަހަލައެވެ. މާޝިތާ އެފަދަ މޭރުމަކުން ވާހަކަ ދައްކާތީ ޝިރުފާވެސް ހައިރާންވީ ވަރުން މާޝިތާއަށް ގޮވާލެވިއްޖެއެވެ.
”މަންމާ ހެޔޮނުވާނެ ތިގޮތަށް ވާހަކަ ނުދައްކާ..!! ހަޤީޤަތެއް ނޭނގި އެއްވެސް މީހަކާ މެދު ތިގޮތަށް ވާހަކަ ދައްކާކަށް ނުވާނެ.. ރައިޒެލްއެއީ ތިބުނާ ކަހަލަ ވިޔާނުދާ ކުއްޖެއްހެން އަހަރެންނަކަށް ހިޔެއް ނުވޭ.. “ ޝިރުފާ ބުނެލިއެވެ.
”ރައިޒެލް އެހުރީ ޝިރުފާވެސް އޭނާގެ ޖާދޫގަ ޖައްސާފަ!! އެކަމަކު އަހަރެން އޭނަގެ މަޅީގައި ޖައްސާކަށް ލާހިކެއް ނޫން.. “ ތަށި ދުރުކޮށްލާފައި ތެދުވެގެން މާޝިތާ އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. މާޝިތާގެ ދުލުން ބޭރުވި ބަސްތައް ޤަބޫލުނުކުރެވިފައި އިނދެ ޝިރުފާ ދެފަރާތަކަށް ބޯހޫރައިލިއެވެ. މާޝިތާ މީހަކާ މެދު އެގޮތަށް ވާހަކަދެއްކި އަޑުއިވުނު މީ ފުރަތަމަ ފަހަރެވެ. ހާއްސަކޮށް ރައިޒެލްއަކީ މާޝިތާ ނުލާހިކު ގަޔާވި ކުއްޖެކެވެ. ރައިޒެލް އެގެއަށް އައިއްސުރެއް މާޝިތާގެ އެދުމަކަށްވީ އާސިމްއާއި ރައިޒެލް ގުޅުމެވެ. ރައިޒެލްއަކީ ރަހުމުކުޑަ މީހެއްގެ ވަކިތަކުގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްކަން އެނގުނު ހިނދު މާޝިތާގެ ވިސްނުން ބަދަލުއެވީ ކީއްވެ ހެއްޔެވެ؟ އެފަދަ ކަމެއް ކުރިމަތިވެފައިވާ ކުދިންނަކީ މުޖުތަމައުގައި އަގެއް ހުރި ބައެއްކަމަށް މީހުން ނުދެކެނީ ކީއްވެ ހެއްޔެވެ؟ ގިނައީ އެފަދަ ކަންތައްތައް ހިނގުމުގައިވެސް އަންހެންކުދިން ކުށްވެރި ކުރާ މީހުންނެވެ. ފިރިހެނުން އެކަހަލަ ފާފައަކަށް އަރައިގަންނަނީ އަންހެންމީހާގެ ކުށުން ކަމަށް ޤަބޫލުކުރާ އެތައް ބަޔަކު އުޅެއެވެ. ކުށަކީ އަންހެންކުއްޖާ ހެދުން އެޅުމުގެ ގޮތްގަނޑެވެ. ކުށަކީ އަންހެންކުއްޖާގެ ހެދި ބޮޑުވަމުން އަންނަ ހަށިގަނޑުގެ ސައިޒެވެ. ކުށަކީ އަންހެންކުއްޖާއަށް ލިބިފައިވާ ރީތިކަމެވެ. މިފަދަ އެއްވެސް ސިފައެއް ނެތަސް ފިރިހެނެއްގެ ހިތްގޯސްވެ އެފަދަ ފާފައަކަށް އަރައިގަނެދާނެ ކަމަށް ޤަބޫލުކުރާ މީހުން ނޫޅެނީ ކިއްވެ ހެއްޔެވެ؟ އެހެންނޫންނަމަ އެންމެ ދެއަހަރުގެ ކުޑަކުޑަކުއްޖާ މިފަދަ ކަމެއްގެ ޝިކާރައަކަށް ވެދާނެ ހެއްޔެވެ؟ ހަށިގަނޑު އެއްކޮށް ފޮރުވައިގެން އުޅޭ މީހާއަށްވެސް ސަލާމާތެއް ނެތެވެ. މުސްކުޅި ބަލީގައި ހަށިގަނޑު މުޅިން އަނަރޫފަވެ ގުދު ލެނބި މަސްތައް ދޫވެފައި ބަލިއެނދުގައި އޮންނަ މީހާއަށްވެސް ރައްކާތެރިކަމެއްނެތެވެ. މިފަދަ ކަންތައްތަކާ ވިސްނާލެވުމާއެކު ޝިރުފާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ރައިޒެލްއާ މެދު އޭނާގެ ހިތް ހަމްދަރުދީއިން ފުރިއްޖެއެވެ. މާޝިތާ އެދެއްކި ވާޙަކަތައް ރައިޒެލްއަށް އެނގިއްޖެނަމަ ރައިޒެލްގެ ހިތަށް ކުރާނެ އަސަރު ޝިރުފާއަށް އަންދާޒާ ކުރެވެއެވެ. ޝިރުފާގެ ޠަބީއަތް ގޯސްވެ އޭނާގެ ވެސް ކާހިތް ކެނޑިއްޖެއެވެ.
***********
ތުނި ތުނިކޮށް ވާރޭ ވެހެމުން ދިޔަ ނަމަވެސް ރައިޒެލްއާއި މިފްޒާލް އަދި އިޔާދާއި ޝިގާ ތިބީ ގޭގެ ގޯތިތެރޭގައެވެ. އެތަނުގައި ހުރި ލަކުޑި މޭޒެއްގެ މަތީގައި ޅަފަޅޯތަކަކާއި ހުތްއަނބާއި ކެރެޓެއް އޮތެވެ. ޝިގާއާއި ރައިޒެލްވެގެން ބޮޑުތައްޓަކަށް އެއެއްޗެހިތައް ކޮށަމުން ދިޔައެވެ. ޝިގާ މަޖާ ކާހިތްވެގެން އުޅޭތީއެވެ. އެމީޙުންނާ ވާހަކަ ދައްކަން ޖޯލީގައި މިފްޒާލާއި އިޔާދު ތިބީ ޖޯލީގައެވެ. ޝިގާ ރުޅި އަރުވާލަން ދޭތެރެއަކުން އިޔާދު އެއްޗެކޭ ބުނެލައެވެ. އޭގެ ރައްދުގައި ޝިގާވެސް އިޔާދާއި ދިމާލަށް އެއްޗެކޭ ބުނެލައެވެ. އެދެމީހުންގެ ފޮނި ފޮނި ކޯޅުންތައް އަޑުއަހަން ތިބި މިފްޒާލާއި ރައިޒެލް ތިބީ ހީނލަ ހީނލައެވެ. އެފަދަ ސަކަރާތެއްގައި ތިއްބާ ޖީބުގައި އޮތް މިފްޒާލްގެ ފޯނު ރިންގުވާން ފަށައިފިއެވެ. ފޯނު ނަގާ ބަލާލުމާއެކު މިފްޒާލްގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. ގުޅަމުން ދަނީ ރޭގައި އޭނާއަށް މެސެޖުކުރި އަންހެންކުއްޖާއެވެ. އޭރުއްސުރެން ފެށިގެން ތިން ހަތަރު ފަހަރު އެކުއްޖާ ގުޅައިފިއެވެ. ގުޅަނީ ކޮންކަމަކުތޯ ބެލުމަށް ފޯނު ހިފައިގެން މިފްޒާލް އެއްފަރާތަކަށް ޖެހިލިއެވެ. މަންޒަރު ބަލަން ހުރި ރައިޒެލްގެ ހިތަށް ނުތަނަވަސްކަމެއް ވެރިވީ ކީއްވެ ކަމެއް ނޭނގުނެވެ. ފޯނެއް އަޔަސް މިފްޒާލަކީ އެގޮތަށް ދުރަށް ދާ މީހެއް ނޫނެވެ.
”ހެލޯ..“ ފޯނު ނެގުމަށްފަހު މިފްޒާލް ބުނެލިއެވެ. އެކޮޅުން ވާޙަކައެއް ނުދެއްކިއެވެ. އިވުނީ ހިނިތުންވެލި އަޑެވެ.
”ހޫ އިޒް ދިސް… ކީއްވެ އެވަރަށް ތިގުޅަނީ..؟ “ މިފްޒާލްގެ އަޑުގައިވީ ރުންކުރު ކަމެވެ.
”ހަމަ ނޭނގޭތަ؟ މިފޫގެ މަންމަ ނުބުނޭތަ؟ “ ހިމަހިމަ އަޑަކުން ވާހަކަ ދެއްކި އެއަންހެންކުއްޖާ ބުނެލިއެވެ.
”މަންމައޭ.. ތީ ކާކުތަ؟ އަހަރެންނަކަށް ނޭނގޭ.. “ ޖުމާނާއޭ ބުނުމުން މިފްޒާލް އިހުނަށްވުރެ ހިތްހަމަނުޖެހުނެވެ.
”މީ ޒިވިއާ.. “ އަންހެންކުއްޖާ ބުނެލިއެވެ.
”ނަމެއް ނާހަމެއްނު.. އަހަރެންނަށްވެސް އެނގޭ ތީ ކޮންމެވެސް ޒިވިއާއެއްކަން.. އަހަރެން މިއަހަނީ ތިއީ ކާކު ހެއްޔޭ..؟ ކީއްވެ ހެއްޔޭ އަހަރެންނަށް ތިވަރަށް ތިގުޅަނީ.. “ ރުޅި ގަދަވާގޮތްވެ މިފްޒާލް ބުނެލިއެވެ.
”ރިލޭކްސް މިފޫ!! އެހާ ވަރަށް ރުޅިގަދަ ނުވެބަލަ.. “ އަންހެންކުއްޖާގެ އަޑުގައި އެއްވެސް ހާސްކަމެއް ނެތެވެ.
”އަހަރެންނަށް މިފޫ ކިޔާނީ އަހަރެންގެ ގާތް މީހުން އެކަނި… ތީ ކާކުކަމާއި ގުޅި ސަބަބެއް ނުބުނަންޏާ ފޯނު ކަނޑާލަނީ މި.. ނަމްބަރުވެސް ބްލޮކް ކުރާނީ.. “ މިފްޒާލް އެހެން ބުނުމާއެއް އަނެއްކާވެސް އިވުނީ ޒިވިއާގެ ހުނުމުގެ އަޑެވެ.
”އޯކޭ.. މީ މިފޫގެ ވާން އުޅޭ އަނބިމީހާއޭ ބުނެފިއްޔާ…؟؟ “ އަންހެންކުއްޖާ ބުނެލިއެވެ. އެހިނދު ލިބުނު ސިހުމާއި އައި ރުޅީގައި މިފްޒާލްގެ ދަތްކުޑިވިކި ހިފަހައްޓައިގެން ހުރި ފޯނަށް ބާރުކޮށްލެވުނެވެ.
-ނުނިމޭ-