ފަހުބައި
ކުރިން ސައިފް ކެފޭ ހިންގި ތަނުގެ ކުރިމައްޗަށް ސައިކަލު މަޑުކޮށްލަމުން އަޔާން ފަރުވާތެރިކަމާއެކު އެ އިމާރާތަށް ބަލައިލިއެވެ. ބިއްލޫރި ދޮރުތަކުގެ ތެރެއިން އެތެރޭގައި ހަރަކާތްތެރިވަމުންދިޔަ ސައިފް އާއި ދަހާ ފެނިފައި އޭނާއަށް ހިންދިރުވައިލެވުނެވެ. ލަސްލަހުން އޭނާގެ ނަޒަރު ދަހާގެ ބޮޑުވެފައިވި ބަނޑާ ދިމާއަށް ދަތުރުކޮށްލިއެވެ. ހިނދުކޮޅަކު ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އޭނާއަށް އެ ގޮތުގައި އިނދެވުނީއެވެ. ފާއިތުވީ ހަ އަހަރު ތެރޭގައި ދަހާގެ ދިރިއުޅުމަށް އެހައި ބޮޑު ބަދަލެއް އައިސްފާނެ ކަމަކަށް ކުޑަކޮށް ވެސް އޭނާ އަށް އުއްމީދުކުރެވިފައި ނެތީއެވެ. ދިރިއުޅުމުގައި އޭނާ އަށް އަދިވެސް ދާނެ ދިމާލެއް ނޭނގި ހުއްޓުން އަރައިފައި ހުރިއިރު، ދަހާ ނުހަނު އުފަލުގައި އުޅޭތަން ފެނި އަޔާންގެ ހިތުގައި ރިއްސައިލިއެވެ. އަމިއްލަ ތަޤުދީރާ މެދުގައި އޭނާއަށް ޝަކުވާކޮށްލެވުނެވެ. ކައިވެންޏެއް ކުރުމަކުން އެހިތުން އަލަތު ލޯތްބެއް ނުފޮހެވުނެވެ. އެހެނަސް ދަހާ މިއަދު މުޅީން އޭނާ މަތިން ހަނދާންނައްތައިލައިފިކަން ގައިމެވެ. އަޔާންގެ ކޯކަށިގަނޑަށް ވާންވެލިގޮތުން އެ ޚިޔާލުތަކުން އޭނާއަށް ނުހަނު އުނދަގޫވެއްޖެކަން އަންގައިދެއެވެ.
ސައިކަލު ޕާރކްކޮށްލުމަށްފަހު އޭގެއިން ފައިބައިގެން އައިސް ބިއްލޫރިގަނޑުގައި އޭނާ ޓަކިޖަހައިލިއެވެ. ހިނިއައިސްފައި ސައިފް އާ ވާހަކައެއް ދައްކަން ހުރި ދަހާ އެ އަޑަށް ފަސްއެނބުރި ބަލައިލިއެވެ. އަޔާންގެ ސޫރަ ފެނުމާއެކު ވަގުތުން އެ މޫނުމަތީގައި ރަސްކަން ކުރަމުންދިޔަ ހިނިތުންވުން ފިލިއެވެ. ކަންބޮޑުވުމުގެ ނަޒަރަކުން ގާތުގައި ހުރި ސައިފް އަށް އޭނާ އަށް ބަލައިލެވުނެވެ. އަޔާން ދައްކަމުންދިޔަ ވާހަކަތައް ފަހުމްނުވިއެއްކަމަކު އަތުގެ އިޝާރާތުން އޭނާ އެދެމުން ދިޔައީ ދަހާ ގާތުގައި އޭނާއާ ވާހަކަދައްކައިލުމަށް ބޭރަށް އައުމަށްކަން ދަހާ ނުހަނު ފަސޭހައިން ދެނެގަތެވެ. ނަމަވެސް އިތުރަށް އަޔާންއާ އޭނާ ދައްކަން ބޭނުންވާ ވާހަކަތަކެއް ނެތެވެ. އެހެންވެ އޭނާ ނުފެންނަކަމަށް ހެދެމުން ދަހާ އަނެއްފަރާތަށް އެނބުރުނެވެ. އެވަގުތު ސައިފް އޭނާ ގާތުގައި ކޮންމެވެސް ވާހަކަތަކެއް ދެއްކިތަން ފެނުނެވެ. ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން އަނެއްކާ ވެސް އަޔާންއާ ދިމާއަށް ދަހާ ބަލައިލިއެވެ. އަދި އިރުކޮޅެއްފަހުން ސައިފްގެ މޫނަށް ނަޒަރު ހުއްޓައިލައި ބޯޖަހައިލަމުން އެތަނުން ނުކުމެވެން ހުރި ދޮރާ ދިމާއަށް ދަހާ ހިނގައިގަތެވެ. އެތަން ފެނި އަޔާން އަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. ދޮރާ ދިމާއަށް ކުރިމަތިލަމުން އޭނާ ލައިގެން ހުރި ޖިންސްގެ ޖީބަށް އަތްކޮށްޕައިލިއެވެ.
”ކިހިނެއްވީ؟ އަޔާން މިތަނުގަ ކީއްކުރަނީ؟“ އަޔާން ކުރިމަތީގައި ހުއްޓެމުން ދަހާ އަހައިލީ ފިނި ގޮތަކަށެވެ. އެއަޑުގައިވި ދުރުކަމުން އަޔާންގެ ހިތަށް ތަދުވެލިއެވެ. ”ދަހާ، އަހަރެން.. އަހަރެން މިއައީ ދަހާގެ ކިބައިން މަޢާފަށް އެދެން“ އިސްޖަހައިލަމުން ހަށިފުރާ ފުންނޭވާއެއް ފަޒާތެރަށް ދޫކޮށްލުމަށްފަހު އަޔާން ބުނެލީ ކުށްވެރިއަކު ފަދައިންނެވެ. ދަހާގެ ފުށުން އެއްވެސް ޖަވާބެއް ނުލިބުނީތީ އިސްއުފުލައި އޭނާ ދަހާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ”އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ މަޢާފު ހައްޤުވާވަރު ކަމެއް ނޫންކަން. އަހަރެން ޤަބޫލުކުރަން އަހަންނަށް ދަހާއާ ދޭތެރޭ ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން. އެކަމަކު، އަހަންނަށް ވިސްނިއްޖެ. އަހަންނަށް އަނބުރާ އެ ދުވަސްތައް ލިބޭނެނަމަ އެ ހުރިހާކަމެއް ބަދަލުކުރީމުސް. އެކަމަކު.. ވަގުތު ފާއިތުވެއްޖެ.. އެހެންވިއަސް އެންމެ ކުޑަމިނުން އަހަރެން ދަހާގެ މަޢާފު ބޭނުން. އައި އެމް ސޯ ސޮރީ. ދަހާގެ ވާހަކަތައް ކިޔުމަށްފަހު އެންމެ ހިނދުކޮޅަކު ވެސް އަހަންނަށް ކެތެއްނުވި. ދަހާއާ ބައްދަލުކޮށް އަހަންނަށް ކަންތައްކުރެވުނު ގޮތަށް މަޢާފަށް އެދެން ބޭނުންވީ. ޕްލީޒް ދަހާ، އަހަރެން އައިސް މިހުރީ ވަރަށް އުއްމީދާއެކު، އަހަންނަށް މަޢާފުކުރޭ“ ވޭނުން ފުރިފައިވީފަދަ ގޮތަކަށް އަޔާން އާދޭސްކޮށްލިއެވެ.
”އަހަރެން އަޔާން އަށް މަޢާފުކޮށްފިން“ ބަހެއް ނުބުނެ ހިމޭނުން އިރުކޮޅަކު ހުރުމަށްފަހު މަޑުމަޑުން ދަހާ ބުނެލިއެވެ. ”ތެންކްސް.. އަހަންނަށް އޭރުވެސް އެނގޭ ދަހާ އަހަންނަށް މަޢާފުކުރާނެކަން. ދަހާ.. އަހަރެން ބޭނުން ވީ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށްފަހު އާ ފެށުމަކުން ފަށަން. އަހަރުމެންނަށް.. އެކު.. އެކުވެރިން ގޮތުގަ ނުތިބެވޭނެތަ؟“ ދަހާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަޔާން ބުނެލިއެވެ. އެއާއެކު ވަގުތުން ދަހާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެތަން ފެނިފައި އަޔާންއަށް ތުންފިއްތައިލެވުނެވެ.
”މަޢާފުކުރުމަކުން އަޔާން އަހަންނާމެދު ކަންތައްކުރި ގޮތެއް ހަނދާނެއް ނުނެތޭ. މަޢާފުކުރީތީ އޭގެ މާނައަކީ އަހަރެން އަޔާންއާ އިތުރު ގުޅުންތަކެއް ބަދަހިކުރަން ބޭނުންވެއެކޭ ނޫން. އަހަރެންގެ ދިރިއުޅުމުން އަޔާންގެ ބާބު ނިމުނުތާ ކިތަންމެ ދުވަހެއް. އަޔާން ވެސް އެގޮތަށް ދެކުނިއްޔާ ވަރަށް ރަނގަޅު. އަހަރެންގެ ހިތުގަ އަޔާންއާމެދު އެއްވެސް ގިލަންވެރިކަމެއް ނެތް. އަހަރެން އެދެނީ އަޔާން ވެސް އުފަލުން ހުރުން. ގުޑް ބާއި އަޔާން“ އަޔާންއާ ނަޒަރު ސީދާކޮށްލައިގެން ހުރެ އެހެން ބުނެލުމަށްފަހު ދަހާ ދޮރުހުޅުވައިލީ އިމާރާތުގެ ތެރަށް ވަނުމަށެވެ.
”ދަހާ ޕްލީޒް..“ އަނެއްކާ ވެސް ދަހާއާ ގާތަށް ޖެހިލަމުން އަޔާން އާދޭސްކޮށްލިއެވެ. އެހެނަސް އިތުރަށް އެތަނުގައި މަޑުކުރުމުގެ ގަސްދެއް ދަހާގެ ނެތްކަހަލައެވެ. އެތެރަށް ވަނުމާއެކު އޭނާ ދޮރު ލައްޕައި ތަޅުލީއެވެ. ބިއްލޫރިގަނޑުގައި އަތްޖައްސައިލި އަޔާންއަށް މުށްކަވައިލެވުނީ ހިތަށް ކުރުވި ފުން އަސަރުންނެވެ. އެގޮތުގައި ދަހާ ލޯމައްޗަށް ގެއްލެންދެން ބަލަހައްޓައިގެން އޭނާ ހުއްޓެވެ.
އެތެރަށް ވަދެގެން ގޮސް ފުރަގަސްދީގެން ހުރި ސައިފްގެ ފަހަތުގައި ދަހާ މަޑުކޮށްލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކު އޭނާގެ ބުރަކަށީގައި ލައްވެލަމުން މެދުހަށީގައި ދެއަތް ވަށައިލިއެވެ. އެއާއެކު ދަހާގެ ދެއަތްމަތީގައި އަތްތިލަ ބާއްވައިލަމުން ސައިފް ހިނިތުންވެލިއެވެ. ”ސައިފް ނޫން އެހެން މީހަކަށް އަހަރެންގެ ދިރިއުޅުމުން ޖާގައެއް ނެތް. ދުވަހަކުވެސް ނެތް“ ދަހާގެ ބަސްތަކުން ސައިފްގެ ހިތަށް ބަޔާންކުރަން ދަތި ހަމަޖެހުމެއް ލިބުނުކަހަލައެވެ. އެނބުރިލުމާއެކު ދަހާގެ ހަށިގަނޑު އޭނާގެ ދެއަތުތެރޭގައި ބާރުކޮށްލަމުން ނުހަނު ލޯބިން ދަހާގެ ނިތުގައި ބޮސްދިނެވެ.
* * * * *
”ކޮބާ، އަދިވެސް ތައްޔާރުވެ ނުނިމޭތަ؟“ ކޮޓަރީގެ ދޮރުހުޅުވައިލަމުން އެތެރަށް ވަތް އަކްރަމް މަނާލްއަށް ބަލައިލަމުން އެއްސެވެ. ޑްރެސިންގް ޓޭބަލް ކުރިމަތީގައި ޝޯލްއަޅަށް ހުރި މަނާލް އަކްރަމް އަށް ބަލައިލަމުން ތުން އޫކޮށްލިއެވެ. ”ވަރަށް އުނދަގޫ ފޮއްޗެއް މީ. އަދިވެސް ހިތްހަމަޖެހޭ ގޮތަށް ނޭޅިގެން މިއުޅެނީ“ މޫނަށް ވައްތަރެއް ޖައްސައިލަމުން މަނާލް ބުނެލިއެވެ. ”އަންހެންވެރިންނަށް ތި ނޫން ވަރެއް ވޭތަ؟ ގަޑި ޖެހޭއިރުވެސް ތިވަރުން ނުދެވޭނެ“ އެނދުގައި އިނށީދެ ހަމަޖެހިލަމުން އަކްރަމް އޭނާގެ ލޯބިވާ އަނބިމީހާއާ ދިމާކޮށްލިއެވެ. އަކްރަމްގެ ވާހަކަތައް އިވިފައި މަނާލް ލޯއަޅައިލިއެވެ. ”ހުއް، އެހެންވީއިރު އަކްރަމް އަންނަންވީނު މި ޝޯލް އަޅަން“ ތުންއަނބުރައިލަމުން މަނާލް ބުނެލިއެވެ. ”އަހަންނަށް ތިކަން ވެސް ކުރެވިދާނެ. އެކަމަކު އޭރުން ލަދުގަންނާނީ ވެސް ހަމަ މަނާލް“ އިންތަނުން ތެދުވެގެން އައިސް މަނާލްގެ ގައިގައި ބައްދައިލައި އޭނާގެ ކޯތާފަތުގައި ތުންފަތް ޖައްސައިލަމުން އަކްރަމް ލާނެތްވެލިއެވެ. ނުހޭން ހުއްޓެއްކަމަކު އަކްރަމް ކުރަމުންދިޔަ ލޯބީގެ ކުދި ސަމާސާތަކުން އެންމެ ފަހުން މަނާލް ހެއްވައިލައިފިއެވެ. ދެމަފިރިންގެ ހުނުމުގެ އަޑު ކޮޓަރީގައި ހިފައިލައިފައިވީއިރު، ބަލައިފިމީހަކަށް އެދެމެދުގައިވި ތެދުވެރި ލޯބި ސިއްރުނުވާނެކަން ގައިމެވެ.
އަކްރަމް އެތައް ދުވަހެން ވަންދެން ދެކެމުން އައި ހުވަފެން ﷲ ގެ އިރާދަފުޅާއެކު އެންމެ ފަހުން ފުރިހަމަވީއެވެ. ނުކެރިހުރެފައި ވެސް މީގެ ދެ އަހަރުކުރިން އޭނާ މަނާލްގެ ކިބައިން ކައިވެންޏަށް އެދުނީއެވެ. އެއީ ޚުދު މަނާލްގެ ވެސް ހިތުގެ އެދުންކަމަށްވީތީ ނުހަނު ފަސޭހައިން އެކަމަށް އޭނާ އެއްބަސްވިއެވެ. ދެކުދިންގެ ގުޅުންވީ ދެއާއިލާއިން ވެސް ނުހަނު ރުހުނު ކަމަކަށެވެ. އަކްރަމް ކައިވެނިނުކޮށްގެން ކަންބޮޑުވެފައިތިބި މައިންބަފައިންނަށް އެޚަބަރުން ލިބުނީ ބަޔާންނުކުރެވޭފަދަ އުފައުވެރިކަމެކެވެ. އެހެނަސް ދަރިފުޅަށް ނަސޭހަތްތެރިވުމަކަށް އެންމެ ފަހަރަކުވެސް ސާޖިދު ހަނދާނެއް ނުނެތެއެވެ. ކުރިންވީފަދަ ކަމެއް އަލުން ތަކުރާރުވާކަށް އޭނާ ނޭދެއެވެ. ލޯބިން ކުރެވުނު ކައިވެންޏަށްފަހު އަކްރަމްގެ ގެއަށް މަނާލްގެ ދިރިއުޅުންވީ ބަދަލުވެފައެވެ. އެގޭތެރެއިން ހުއްޓުމެއްނެތި އޭނާއަށް ލިބެމުންދިޔަ ލޯތްބާއި ގާތްކަމުން މަނާލް ހުރީ މިއިން ދުވަހަކުވެސް އުފާނުވާވަރަށް އުފާވެފައެވެ.
މަސައްކަތުގެ ބުރަކަމާއެކު ދަހާގެ ދަސްވެނިވުމުގެ ރަސްމިއްޔާތައް ނުދެވުނެއްކަމަކު، އޭނާއަށްވީ އެންމެ ފުރިހަމައަކަށް އަކްރަމް ދަހާއަށް މަރުޙަބާކިއެވެ. އިތުރު ކުރިއެރުމަށް އެދުނެވެ. އަދި ކަމެއް ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި އޭނާ އަބަދުވެސް ހުރެދޭނަންކަމަށް ވަޢުދުވިއެވެ. އަކްރަމްގެ ފުށުން ދަހާއަށް ބޭބެއެއްގެ ގާތްކަން އިހުސާސުކުރެވޭ ކަހަލައެވެ. ދިރިއުޅުން ހުރިހައި ގޮތަކުން ވެސް ފުރިހަމަވެއްޖެ ކަމުގައި އޭނާއަށް ގަބޫލުކުރެވެނީ އެހެންވެއެވެ.
* * * * *
އޮފީސް އިމާރާތުގެ ކުރިމަތީގައި ހުރެ ފޯނުގެ ސްކްރީނަށް ބަލަމުންދިޔަ އަޒާގެ ތުންފަތުގައިވީ ބަލައި ފޫހިނުވާނެފަދަ ހިނިތުންވުމެކެވެ. ދެލޯފެންކަޅިވަމުން އައީ ކިޔަމުންދިޔަ ލިއުމުގައި ފެންނަން ހުރި ދަހާގެ ތަސްވީރުންނެވެ. ދިރިއުޅުމުގެ އެތައް އަޑިގުޑަންތަކަކާއެކު ވެސް މިއަދު އޭނާގެ އެކުވެރިޔާ ކާމިޔާބު މީހަކަށް ވެއްޖޭ އަޒާގެ ހިތަށް އެރިއެވެ. ސްކްރީންގެ މަތިން ދަހާގެ ތަސްވީރުގައި ބޮޑުވައި އިނގިލިން ފިރުމައިލުމާއެކު އަޒާގެ ހިނިތުންވުން އިހުނަށްވުރެ ފުންވެލިއެވެ. އެއީ ދުވަހަކުވެސް އޭނާއަށް ލިބިދާނެ ހީވެސްނުކުރާފަދަ ހެޔޮ އެކުވެރިއެއްކަން ގައިމެވެ. ދެމީހުން ރިހެބިލިޓޭޝަން ސެންޓަރުން ދިއުމަށް ހަމަޖެހިފައިއޮތް ދުވަހު ދަހާ ދެއްކި ކޮންމެ ވާހަކައެއް އަޒާގެ ސިކުނޑީގައި ބިންވަޅުނެގިފައިވީ ކަހަލައެވެ. ހިތްވަރު އެލުވައިލަން ބޭނުންވި އެތައް ހިނދުކޮޅެއް އޭނާގެ ދިރިއުޅުމުގައި އައެވެ. އެހެނަސް އެއިން ކޮންމެ ވަގުތަކު ދަހާގެ ވާހަކަތައް އޭނާގެ ހިތްވަރުކަމުގައި ވިއެވެ. މިއަދު އެހުރިހައި ހުރަސްތަކެއް ގިރާކޮށް އޭނާއަށް ވެސް ހަމަޖެހޭ އުފައުވެރި ދިއުޅުމެއް ހޯދިއްޖެއެވެ. ދަހާއާ ބައްދަލުނުވިނަމަ އޭނާގެ ހަޔާތް އެފަދައިން ނުވީސްކަން ޔަގީނެވެ. ސްކްރީން ނިއްވައިލަމުން އަޒާ މަގުމައްޗަށް ނަޒަރު ހިންގައިލީ ހިތްހަމަޖެހިފައި ހުރެއެވެ. އެވަގުތު ކުރިމައްޗަށް އައިސް މަޑުކޮށްލި ސައިކަލުގައި އިން ޒުވާނާ އަޒާއަށް ގޮވައިލިއެވެ. ލޯބިވާ ފިރިމީހާގެ މޫނަށް ބަލައިލަމުން ކޮނޑުގައިވި އަތްދަބަސް ރަނގަޅުކޮށްލުމަށްފަހު އެދިމާއަށް އަޒާ ހިނގައިގަތެވެ. އޭރުވެސް އޭނާގެ ތުންފަތްމަތިން ހިނިތުންވުމުގެ އަސަރު ނުފިލައެވެ.
* * * * *
ގެ ކައިރި ފިހާރައަކަށް ދިއުމުގެ ނިޔަތުގައި ބޭރަށް ނުކުތް ދަހާއަށް ލިބުނީ ހައިރާންކަމެވެ. ކުރިން އޭނާ އުޅުނު ގޭ ކުރިމަތީގައި މީހުންތަކެއް އެއްވެފައި ތިބިތަން ފެނިފައި އޭނާގެ ނިތަށް ރޫގިނަވެލިއެވެ. ޚިޔާލު ބަދަލުވުމާއެކު އެދިމާއަށް އޭނާ މިސްރާބުޖެހީ ވެގެން އުޅޭ ގޮތެއް އެނގެން ބޭނުންވެފައި ހުރެއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް ސައިފް ދަހާގެ ނަމުން ގޮވައިލަމުން ހަލުވި ފިޔަވަޅުތަކެއްގައި ދަހާ ގާތަށް މިސްރާބުޖެހިއެވެ.
ގެ ކައިރިއަށް ހުއްޓެމުން ސުވާލުގެ ނަޒަރަކުން ވަށައިގެންތިބި މީހުންގެ މޫނަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. ވެގެން އުޅޭ ގޮތެއް ނޭނގިފައި އޭނާ ހުއްޓައި، ގޭގެ ދޮރާށި ހުޅުވުމަށްފަހު ނުކުތް ފުލުސްމީހާ ފެނިފައި ދަހާގެ ސިކުނޑީގައި ބުރުޖަހަމުންދިޔަ ސުވާލުތައްވީ އިތުރެވެ. ތަންކޮޅެއް ދުރުގައި އޮތް ފުލުސް ޖިޕު ދަހާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ލިބުނު ހާސްކަމުގައި އޭނާއަށް ކުރިއަށް ޖެހިލެވުނެވެ. އެވަގުތު އެމީހާގެ ފަހަތުން ބޭރު ދެ އަންހެންކުދިންނާއެކު ނުކުތް ޒަރީރު އާއި މަލަކާ ފެނިފައި ދަހާއަށް ދެލޯބޮޑުކޮށްލެވުނެވެ. ފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. ދެމީހުން އިސްޖެހިފައި ތިބިއިރު، ލަދުން ގޮސް މީހަކާ ނަޒަރު ސީދާކޮށްލަން ނުކެރިފައި ތިބިކަހަލައެވެ. ބަހެއްވެސް ނުބުނެ ދަހާ ހުއްޓައި އެމީހުން ގެންގޮސް ޕޮލިސް ޖިޕަށް އެރުވުމާއެކު އޭތި އެތަނުން ދިއުމަށް ދުއްވައިލިއެވެ. ދެން ވެސް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައި ދަހާއަށް ހުރެވުނީ ހަރަކާތެއްވެސް ކޮށްލަން ހަނދާންނެތިފައެވެ.
”ކާކު ހީކުރާނީ އެއީ އެހާ ނުބައި ބަޔަކަށް ވެދާނޭ؟ ބޭރުކުދިންތަކެއް ގެނެސްގެން މިތަނުގަ އެހާ ނުބައި އަމަލުތަކެއް ހިންގަމުންދިޔައިރު މީހަކަށް ރެއަކާވެސްނުލާ. ކުޅަދާނަވާނީ އެވަރަށް“
”ކީއްކުރާނީ، ފައިސާ ފެނުނީމަ ކުރެވޭ ނުކުރެވޭކަމެއް އިހުސާސުނުވޭވިއްޔަ. އެއީ އަމިއްލަ ދަރީގެ ހަށި ވިއްކުވަންވެސް ފަސްޖެހުނު ބައެއް ނޫން. ލަދުން ބޯހަލާކު“
އެއްވެފައިތިބި މީހުންގެ ވާހަކަތަކުން ދަހާއަށް އިސްޖަހައިލެވުނެވެ. އެންމެ ފަހުން އެމީހުން ކުރަމުންދިޔަ ނުބައި ކަންތައް ފަޅައިއެރީތާއެވެ. ހިންދިރުވައިލުމާއެކު އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
”އެކޮއެ، ތީ މިގޭގަ އުޅުނު މަންޖެ ދޯ. އެދުވަހު ކުޑަކޮށްވެސް މިކަހަލަ ކަމެއް ހިނގާކަން އެނގުނުނަމަ އަހަރެމެން އެފަދަ ވާހަކަތަކެއް ނުދެއްކީމުސް“ ދަހާގެ ކޮނޑުގައި އަތްޖައްސައިލަމުން ކޮންމެވެސް މީހަކު ބުނެލި އަޑަށް އޭނާ އިސްއުފުލައި ބަލައިލިއެވެ. އެއީ ގެއިން އޭނާ ނެރުނު ދުވަހު އޭނާއަށް މަލާމާތްކޮށް ވާހަކަދެއްކި މީހާއެވެ. ބަހެއް ބުނުމެއްނެތި ދަހާ ދުރައްޖެހިލީއެވެ. އެވަގުތު އެއްލި ކަޅިއަކުން ގޭ ދޮރާށި ކައިރީގައި ހަށަން ބަނދެލައިގެން އޭނާއަށް ބަލަން ހުރި އަޔާން ފެނިފައި ދަހާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިއީ އަޔާންގެ ކަމެއްކަން އޭނާއަށް ވިސްނުނީއެވެ. ނަމަވެސް އެކަމާ ގުޅުވައި އޭނާ އެއްވެސް މީހަކާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއްނުވިއެވެ. އެހެންވެ އައި ދިމާއަށް އެނބުރިލުމާއެކު އެތަނުން ދިއުމަށް ދަހާ ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި އޭނާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ސައިފް ހުއްޓެވެ. އޭނާގެ މޫނުމަތިން ފައުޅުވަމުންދިޔައީ ކަންބޮޑުވުމާއި ހާސްކަމެވެ. އެހެނަސް ކަރުނުން ބަރާވެފައިވި ދެލޯ ސައިފްގެ މޫނަށް އަމާޒުކޮށްލަމުން ދަހާ ބަދަލުކޮށްލި ހިނިތުންވުން ސައިފްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ސައިފްއާ ދިމާއަށް ކުދި ފިޔަވަޅުތަކެއްގައި ހިނގަމުންދިޔައިރު މާޒީގެ ސޮފުހާތައް އޭނާގެ ދެލޯކުރިމަތީގައި ނިއުޅެމުން ދިޔައެވެ. އެއީ ދުވަހަކުވެސް އޭނާ ހަނދާން ނެތޭނެ ދުވަސްތަކެއް ނޫނެވެ. ބިކަވެ ނިކަމެތިވީ ދުވަހު އޭނާގެ އަތުގައި ހިފީ ސައިފް އެވެ. ވަންނާނެތަނެއް ނެތް ދުވަހު އެގެއިން ހިޔާވަހިކަން ދިނެވެ. ދިރިއުޅުމުގައި ދާނެ މަންޒިލެއް ނެތިފައި ހުރިއިރު، އޭނާގެ އަތުގައި ހިފައިގެން ކުރިއަށްދާންވީ ރާސްތާ ދައްކައިދިނެވެ. ދުވަހަކުވެސް ސައިފްގެ އަތުން ދޫކޮށްލުމުގެ ގަސްދެއް ދަހާގެ ނެތެވެ. ފުސްވަމުންދިޔަ ދެލޮލުން، ސައިފް ދިއްކޮށްލައިގެން ހުރި އަތަށް ދަހާ ބަލައިލިއެވެ. އެވަގުތު އެހިތަށް ކުރުވި އަސަރުން ދަހާގެ ތުންފަތް ތުރުތުރުއަޅައިލިއެވެ. އެދުވަހު އޭނާ އެތަނުން ދިޔައީ ދެރަވެ ލަދުވެތިވެފައިވާ ހާލުއެވެ. އެހެނަސް މިއަދު ހާލަތު މުޅިން ބަދަލުވެއްޖެއެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ދަހާއަށް ކުރުވަމުންދިޔައީ ތަފާތު އިހުސާސެކެވެ. އަތް އުފުލައިލައި ސައިފްގެ އަތުތެރަށް ލަމުން އޭނާ ސައިފްއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެއާއެކު ދަހާގެ އަތުގައި ހިފައި ސައިފް ބާރުކޮށްލިއެވެ. އަދި ގާތަށް ދަމައިލަމުން އޭނާގެ މޭގައި ލައްކޮށްލިއެވެ. ބަސްމޮށުންތެރިކަމަކާ ނުލައި އެތައް ވަޢުދަކާއި އަޙުދެއް އެކުޑަ ކުޑަ އަމަލުން އެކަނި ވެސް ދެމީހުން ދޭތެރޭގައި ބަދަލު ކުރެވުނުކަހަލައެވެ.
* * * * *
އެރޭގެ ވަގުތެވެ. ހޮޓެލް ވިޔަފާރިކުރާ ބަޔަކާއެކު، އެމީހުން އެންމެ ފަހުން ހެދި ހޮޓެލްގެ ތިރީބައިގައި ސައިފްގެ އަމިއްލަ ރެސްޓޯރެންޓެއްވީ ހަދައިފައެވެ. މިރޭ އެ ހޮޓެލްއާއެކު ސައިފްގެ އައު ރެސްޓޯރެންޓް ވެސް ހުޅުވުމަށް ހަމަޖެހިފައިވީތީ އެ ހަފްލާއަށް ދިއުމަށް ދަހާ ތައްޔާރުވަމުން ދިޔައެވެ. އެއްކޮށް ނިމުމާއެކު އިންތަނުން ތެދުވަމުން ހިތްހަމަޖެހިފައި ލޯގަނޑުން ފެންނަންހުރި އަމިއްލަ ސޫރައަށް އޭނާ ބަލައިލިއެވެ. ލައިފައިވި މެރޫން އަބާޔާ ދަހާއާ ނުހަނު ގުޅެއެވެ. މެޔާ ދިމާއިން ތަންކޮޅެއް ތިރީގައި ބަންދެއް ހަރުކޮށްފައި ހުރިއިރު އޭގައިވީ ކުދި އެސްތަކެއް ޖަހައި ޒީނަތްތެރިކޮށްފައެވެ. ބަނޑާދިމާއަށް ކުދި ރޫތަކެއް ޖައްސައިފައި ހުރިއިރު، ހެދުމުގެ އަތް ހުރީ ފުޅާކޮށެވެ. އަދި އަތުގެ ތަންތަންކޮޅުގައި ކުދި އެސް ހަރުކޮށްފައި ހުއްޓެވެ.
ކޮޓަރިއަށް ވަންނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލުމަށްފަހު ދާންވީކަމުގައި ސައިފް ބުނެލިއެވެ. ބޯޖަހައިލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީގައި އޮތް ކްލަޗް ނަގަމުން ކޮޓަރިން ނުކުންނަން ދަހާ މިސްރާބުޖެހިއެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ސިޓިންގްރޫމްގައި އުމޭރާގެ އިތުރުން މަނާލް އާއި އަކްރަމް ވެސް ތިއްބެވެ.
ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވީ ހޮޓެލްގެ ތަނަވަސް ގޯތިތެރޭއެވެ. އެކި ދިމަދިމާލުގައި ހަ މީހުނަށް އިނށީދެވޭނޭ ފަދައިން މޭޒު ބަހައްޓައިފައި ހުއްޓެވެ. އެރެއަށްޓަކައި އެތަންވީ ނުހަނު ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ސައިފް އާއި އޭނާގެ އާއިލާ އެތަނަށް ވަތްއިރު ދައުވަތު ދެވިފައިވި މީހުންތަކުން މޭޒުތައް ދިޔައީ ފުރެމުންނެވެ. އެއްފަރާތުގައި ކުޑަ ސްޓޭޖެއްހެން ހަދައިފައިހުރި ތަނާ ކުރިމައްޗަށް ވާނޭހެން ހުރި މޭޒު ކައިރީގައި ސައިފް އައިސް މަޑުކޮށްލިއެވެ. އަދި އަތުގެ އިޝާރާތުން އެންމެން ގާތުގައި އެތަނުގައި އިނށީނުމަށް ބުނަމުން ދަހާ އިނށީނުމަށްޓަކައި އެތަނުން އެއްގޮނޑި މޭޒާ ދުރުކޮށްލައި ދިނެވެ. ދަހާ އިނށީދެ ހަމަޖެހުމުން ސައިފް ވެސް ގޮނޑީގައި އިނށީނަމުން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ހިތްހަމަޖެހުން އޭނާގެ މޫނުން ފައުޅުވެލިއެވެ.
ހަފްލާ ފެށުމާއެކު މީހުންގެ އަޑުތައް މަޑުވެލިއެވެ. ސްޓޭޖް މައްޗަށް އަރައި، އެ ހޮޓެލްގެ ވެރިން ދައްކަމުންދިޔަ ވާހަކަތައް ކޮންމެ މީހަކު އަޑުއަހަމުން ދިޔައީ ޝައުޤުވެރިކަމާއެކުއެވެ. ސައިފްގެ ހިއްސާއެއް އެ ހޮޓެލުގައި ވީތީ، ހަފުލާގައި ވާހަކަދެއްކުމުގެ ޝަރަފު އޭނާ އަށް ވެސް ލިބުނެވެ. ސްޓޭޖް މަތީގައި ހުރި ކުއްޖާ އޭނާގެ ނަމުން ގޮވައިލުމާއެކު އިންތަނުން ސައިފް ތެދުވިއެވެ. ހައިރާންކަމާއި އުފައުވެރިކަން ދަހާގެ މޫނަށް ވެރިވިއެވެ. އަތްތިލަބަޑި ޖަހައިލަމުން ސައިފް ގޮސް ސްޓޭޖަށް އަރަންދެން އެސްފިޔަޖަހައިލުމެއްނެތި ބަލަހައްޓައިގެން އޭނާ އިނެވެ. ސައިފް ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައި ދަހާ އިންއިރު، ފަނޑުވުމެއްނެތް ހިނިތުންވުމެއްގެ އަސަރު އޭނާގެ ތުންފަތުގައި ވިއެވެ.
ސްޓޭޖަށް އަރައި ހަމަޖެހިލަމުން ވަށައިގެން ތިބި މީހުނަށް ސައިފް ނަޒަރު ހިންގައިލިއެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް، ލޯބިން ފުރިގެންވީފަދަ ގޮތަކަށް އޭނާ ދަހާއާ ނަޒަރު ސީދާ ކޮށްލިއެވެ.
”އައި ޑެޑިކޭޓް އޯލް މައި ސަކްސެސް ޓް މައި ލަވިންގް ވައިފް.. އަޅުގަނޑުގެ އަނބިމީހާއާ އަޅުގަނޑު ބައްދަލުވުމުގެ ކުރިން އަޅުގަނޑަކީ އާދައިގެ ކެފޭއެއް ހިންގި މީހެއް، ކޮންމެވެސް ދުވަހަކުން އަމިއްލަ ރެސްޓޯރެންޓެއް ހުޅުވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އެކަމަކު މިފަދަ ގޮތަކަށް އެހުވަފެން ފުރިހަމަވެދާނޭ ހިއެއް ނުކުރަން. މިއަދު، އަޅުގަނޑު ދެކުނު ހުވަފެނައްވުރެވެސް ހުރިހާ ކަމެއް ފުރިހަމަ. އަޅުގަނޑުގެ ޙަޔާތައް ދަހާ އައި ހިސާބުން ހުރިހައި ކަމެއްވެސް މަޑުމަޑުން ހަމައަކަށް އެޅެމުންއައި ކަހަލަ. ތެދަށް ބުނާނަމަ، އަޅުގަނޑާއެކު ބަދިގޭގެ ކަންކަމުގަ ދަހާ އެހީވާންފެށި ހިސާބަކީ އަޅުގަނޑުގެ ކާމިޔާބީގެ ފެށުން. މިއަދު ކާމިޔާބު މީހެއް ގޮތުގަ އަޅުގަނޑު މިހުރީ ދެގޮތެއްނުވެ އަޅުގަނޑާއެކު ހުރެ އަޅުގަނޑުގެ އަނބިމީހާ ދިން ހިތްވަރުން. ޔޫ އާރ މައި ސްޓްރެންތް. ތެންކްޔޫ ފޯރ ކަމިންގް އިން ޓް މައި ލައިފް“ ސައިފްގެ ވާހަތަކުން މީހުންގެ އަތްތިލަބަޑީގެ އަޑު ގަދަވެލިއެވެ. ފެންކަޅިވަމުން އައި ދެލޮލުން ސައިފް އަށް ބަލަން އިން ދަހާއަށް އަނގަމަތީގައި އަތްއަޅައިލެވުނެވެ. މީހުންގެ ނަޒަރު އެދިމާއަށް ހުއްޓޭތަން ފެނުމާއެކު ލަދުވެތިގޮތަކަށް ދަހާ އިސްޖަހައިލިއެވެ. އޭރު ހިނިތުންވެފައި އުމޭރާ އާއި މަނާލްގެ އިތުރުން އަކްރަމް ވެސް ދަހާއަށް ބަލަހައްޓައިގެން ތިއްބެވެ. ހިތަށް ލިބެމުންދިޔަ އުފާވެރިކަން ބަޔާންކުރަން ނުކުޅެދިފައި ދަހާ އިންކަހަލައެވެ. ސައިފްގެ ދުލުން އޭނާއަށް އަމާޒުވި ބަސްތައް ހިތުގެ އެންމެ އަޑީގައި ރައްކައުކުރީ ނުހަނު ލޯބިންނެވެ. ދުވަހަކުވެސް އެބަސްތައް ހިތުން ފިލައިގެން ނުދާނެފަދައިންނެވެ.
”އާދެބަލަ“ ހަފްލާ ނިމި މެހެމާނުންނަށް ޚާއްސަކުރެވިފައިވި ކެއުން ނިމުމާއެކު އިންތަނުން ތެދުވަމުން ދަހާއަށް އަތްދިއްކޮށްލުމަށްފަހު ސައިފް އެދުނެވެ. އެއަތުގައި ހިފައިލަމުން ދަހާ ތެދުވިއެވެ. ”މި ހޮޓެލްގެ ޓެރަސް ވަރަށް ސަޅިވާނެ. އަދި މިރޭ ވަކިން ރީތިވާނެ. ހަނދުވަރުދީފަ އޮތީމަ ކިހާ ހިތްގައިމު“ ދަހާ ކައިރިކޮށްލަމުން ސައިފް ބުނެލިއެވެ. ދެމީހުން އެކުގައި ތަންތަން ބަލަމުން އައިސް ޓެރަހަށް ދިއުމަށްޓަކައި ލިފްޓަށް އެރިއެވެ.
ޓެރަހުގެ ތަނަވަސްކަން ފެނި ދަހާ އާޝޯޚުވާވަރުވިއެވެ. ވަށައިގެން ނަޒަރު ހިންގަމުން ސައިފްއާ އެކުގައި އައިސް ރެއިލިންގް ކައިރީގައި އޭނާ މަޑުކޮށްލިއެވެ. އަދި ހިތްހަމަޖެހިފައި ހުރެ ރެއިލިންގް ގައި އަތްއަޅުވައިލަމުން ދުރުން ފެންނަމުންދިޔަ އުސް އިމާރާތްތަކަށް ނަޒަރު ހުއްޓައިލިއެވެ. އެވަގުތު ދަހާގެ ފަހަތުން ބަނޑުގައި ދެއަތް ވަށައިލަމުން ސައިފް ނުހަނު ލޯބިން އޭނާގެ ގައިގައި ބައްދައިލިއެވެ. އަދި ދަހާގެ ކޮނޑުގައި ދަތްދޮޅި އަޅުވައިލަމުން ޖަންބުކުލަ އަރަމުންދިޔަ އެ މަޑު ކޯތާފަތުގައި ލުއިލުއިކޮށް ބޮސްދިނެވެ. އެއާއެކު ދަހާއަށް ދެލޯމަރައިލެވުނީ ހިތަށް ލިބުނު އުފަލަކުންނެވެ. ލޯބިވާ ފިރިމީހާގެ ދެއަތު ތެރޭގައި އޭނާ ހަމަޖެހިލިއެވެ.
”ތީ އަހަންނަށް ލެއްވި އެންމެ ބޮޑު އެއް ރަޙުމަތް. މާތް ރަސްކަލާނގެއަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނޭނގެ. އަހަރެންގެ ދިރިއުޅުމަށް އައިސް، އަހަރެންގެ ދިރިއުޅުން މިހާ ފުރިހަމަ ކޮށްދިނީތީ ޝުކުރިއްޔާ. ދަހާ ދެކެ އަހަރެން ހިތާ ފުރާނައިން ލޯބިވަން. އިރާދަކުރެއްވިއްޔާ އަބަދުވެސް ވާނަން. އަހަރެންގެ ހިތަށް ލެއްވި ޝިފާއަކީ ތީ. ތި ނޫން އިތުރު ޝިފާއެއް މިހިތް ބޭނުމެއްނުވޭ“ ދަހާގެ ކަންފަތްދޮށުގައި ލޯބިވެތި ގޮތަކަށް ސައިފް ބުނެލިއެވެ. ސައިފްގެ ވާހަކަތަކުން ދަހާގެ ހިތް ފުރިގެން ބަންޑުންވަމުން ދިޔަކަހަލައެވެ. ސައިފްގެ މޭގައި ލައްވެލުމާއެކު އޭނާގެ ދެއަތްތިލަ ގެނެސް ސައިފްގެ އަތުތެރަށް ދަހާ ލިއެވެ.
”ސައިފްއާ ބައްދަލުވުން އެއީ އަހަންނަށް ލެއްވި ނިޢުމަތެއް. އަނދިރިވެފަވި ދިރިއުޅުމުން އަރައިގަންނާނެ ގޮތެއް ނޭނގި އަހަރެން އުއްމީދު ގެއްލުނު ވަގުތު، އެ އުއްމީދުގެ ހުޅުކޮޅު ނިވުނަނުދީ ހިފެހެއްޓީ ސައިފް. ދުވަހަކުވެސް އެ ހިތްދަތިކަމުން އަރައިގަނެވިދާނޭ އަހަރެން ހިއެއް ނުކުރަން. އެކަމަކު އަހަރެންނަށް އާ ޙަޔާތެއް މި ދެއަތުގެ ހިމާޔަތުގެ ތެރެއިން ލިބުނު. އަލުން ދުނިޔެއާ ކުރިމަތިލައި ކުރިއަށް ދާނެ މަގު ދައްކަދިން. އެތައް ދުވަހަކު ތަޙައްމަލު ކުރި ވޭނުން، މި ހިތްވީ ޒަޚަމްތަކުން ފުރިފަ. ދުވަހަކު އެ ޒަޚަމްތައް ފަސޭހަނުވާނޭ ހީވިއަސް، ސައިފް ތީ އެހިތުގެ ޒަޚަމްތަކަށްވީ ޝިފާއެއްފަދަ. މިއަދު އެ ޒަޚަމްތައް ފަސޭހަ ވެއްޖެ. އަލުން ހިނިތުންވާން އަހަންނަށް ދަސްވެއްޖެ. އަހަރެންގެ ހުރިހާ އުއްމީދަކާ ހުވަފެނެއް ފުރިހަމަވެއްޖެ. ސައިފް، އަހަރެމެން މިހިސާބަށް އައީ އެކަކު އަނެކެއްގެ ހިތްވަރުން. އަހަރެމެންނަކީ ޓީމް އެއް. ނޫންތަ؟ ވީ ގްރިއު ޓްގެދާރ.. ލަވްޑް ޓްގެދާރ.. ހީލްޑް ޓްގެދާރ.. އަހަރެން ފަޚުރުވެރިވަން ތީ އަހަރެންގެ ފިރިމީހާއަށްވީތީ. ޝުކުރުވެރިވަން އަހަންނަށް ތިފަދަ އޯގާތެރި ފިރިއަކާ ލޯބިވާ އާއިލާއެއް މިންވަރުކޮށްދެއްވީތީ. ސައިފް، އަހަރެން އެދެނީ އަބަދުވެސް ސައިފްއާއެކު ވުމަށް. މިދުނިޔޭ ވެސް.. އަދި އާޚިރަތުވެސް.. އަހަރެން އެ ދަރަޖައަށް ސައިފްދެކެ ލޯބިވޭ. އިރާދަކުރެއްވިއްޔާ އަބަދުވެސް ލޯބިވާނަން“ އިސްއުފުލައި ސައިފްގެ މޫނަށް ބަލައިލަމުން ދަހާ ބުނެލިއެވެ. ދަހާގެ ލޯބިވެތި ބަސްތަކުން ސައިފްގެ ހިތް ވިރިގެންދިޔަފަދައެވެ. ދަހާގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލަމުން އޭނާ ދަހާއާ ގާތްވެލިއެވެ. ލަދުވެތި ހިނިތުންވުމަކާއެކު ދަހާ ދެލޯ މަރައިލީ ސައިފްއަށް މަރުޙަބާ ކިޔަމުންނެވެ. އެވަގުތު ވިލާކޮޅެއްގެ ފަހަތުގައި، އުޑުމަތީގައި ރަނިކަން ކުރަމުންދިޔަ ހަނދު ނިވައިވެލީ އެ ދެމަފިރިންގެ ލޯބިވެތި މަންޒަރު ބަލަން ނުކެރިގެންކަހަލައެވެ. އެލޯތްބަށް ފުރުސަތު ދެމުންނެވެ. ދެހިތުގައިވި ނިމުމެއްނެތް ތެދުވެރި ލޯތްބަށް ހެކިވަމުންނެވެ.
މިތުރާއޭ ޖާނުދޭން.. މަ ހުރީމޭ ލޯބިދޭން..
އޭގާ ވަފާ އިތުބާރުވޭ.. ލޯބި އަދު ދެއްވާނުހޭ..
ޔާރު ތިޔެ މިހިތުގެ ޝިފާ.. ލޯބި އަދު ދެއްވާނުހޭ..
ދެހިތުގެ ވިންދުން އިވޭ.. ރާގު މިއެ އިޤުރާރުވޭ..
އާނއެކޭ ލޯބިވޭ.. އާނއެކޭ ލޯބިވޭ..
-ނިމުނީ-