ނަވަތިރީސްވަނަ ބައި
މިފްޒާލްގެ އަތްތިލައަށް ރައިޒެލްގެ އަތްތިލަ މަހާލެވިފައިވާއިރު އެދެމެދުގައި ދެކެވެމުން ދިޔައީ އަންނަން އުޅޭ މުސްތަޤުބަލުގެ ވާހަކައެވެ. މިފްޒާލްވެސް ބޭނުންވަނީ ލަސްނުކޮށް ކައިވެނި ކުރާށެވެ. މިފްޒާލްގެ ލޯބިވެތި ބަސްތަކުން ރައިޒެލްގެ ހިތް ފުރިގެން ބަންޑުންވަނީއެވެ. ލިބިފައިވާ އުފާވެރިކަމެއްގެ ސަބަބުން އޭނާގެ ތުންފަތްމަތިން އެންމެ ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. މުސްތަޤުބަލާ މެދު އޭނާ ދެކެމުން އަންނަނީ ވަރަށްވެސް ފޮނި ހުވަފެންތަކެކެވެ. މިފްޒާލްވެސް ހިނިތުންވެލައިގެން އިނަސް އޭނާގެ ހިތުގައި ނުތަނަވަސް ކަމެއްވިއެވެ. ރައިޒެލްއަށް ހުރިހާ ހަޤީޤަތެއް އެނގޭ ދުވަހަކުން ކަންތައްވާނެ ގޮތް ހިތަށް އަރާފައެވެ. އެހުރިހާ ހަޤީޤަތެއް ރައިޒެލްއަށް ކިޔައިދޭން އޭނާ ފަސްޖެހެނީއެވެ. އަބަދުގެ އަބަދަށް އޭނާ ދޫކޮށް ރައިޒެލް ގޮސްދާނެތީއެވެ.
ވާރޭ އޮއްސާލީ އެމީހުން އެހެން ތިއްބައެވެ. އަވަސް އަވަހަށް ތެދުވެގެން ރައިޒެލް ގޭތެރެއަށް ވަންނަން ދުއްވައިގަތެވެ. ނަމަވެސް މިފްޒާލް އިނީ ހުޝިޔާރު ވެގެންނެވެ. އޭނާ އެއްލި އަތުން ރައިޒެލްގެ އަތުގެ ހިފައިފިއެވެ. ރައިޒެލް އަތަށް ވާންވެލި ހިނދު އޭނާ އެނބުރި މިފްޒާލަށް ބަލައިލިއެވެ. މިފްޒާލްގެ މޫނު މަތިން ފެންނަން ހުރި ލާނެތް ކަން ފެނުމުން އޭނާގެ މަޤްސަދު ހާމަވެ ރައިޒެލްގެ ދެކޯތާފަތް ރަތްވެއްޖެއެވެ.
”ދެން ދޫކުރޭ މިފޫ.. މަންމައަށް ފެނި ދާނެ… “ ލަދުން ހުރެ ރައިޒެލް ބުންޏެވެ. ނަމަވެސް އެއަޑު މިފްޒާލަށް ނީވޭ ކަހަލައެވެ. ކުއްލިއެއް ޖެހުމާއެކު ރައިޒެލް ގެނެސް އޭނާގެ ދެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެހިނދު އިވިގެން ދިޔައީ ރައިޒެލްގެ ހުނުމުގެ އަޑެވެ.
”އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ހަދަން މިރޭ ބޭނުންވަނީ.. “ މިފްޒާލް ބުނެލިއެވެ. ރައިޒެލް މިފްޒާލްގެ ކަރުގައި އަތް އަޅުވާލަމުން އެއީ ކޮން ހުވަފެނެއްތޯ އަހާލިއެވެ. ވެހޭ ބޯވާރެއިން ދެމީހުން ތެމެމުން ދިޔަ ނަމަވެސް އެކަކުގެވެސް ފަރުވާލެއް ނެތް ކަހަލައެވެ.
”އައި ހޭވް އޯލްވެސް ވޯންޓެޑް ޓު ކިސް ޔޫ އިން ދަ ރެއިން އެންޑް ޑާންސް ވިތް ޔޫ ވައިލް ހޯލްޑިންގް ޔޫ އިން މައި އާރމްސް..“ މިފްޒާލް ބުނެލިއެވެ. ރައިޒެލްގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވި ހިނދު މިފްޒާލްގެ މޭގައި ބޯޖައްސާލިއެވެ. މިފްޒާލްގެ އޭނާގެ ފޯނު ލަވައެއް ޖެހުމަށްފަހު ފޯނު ޖީބަށް ލިއެވެ. ރައިޒެލްގެ ހަށިގަނޑުގައި ބާރަށް ބައްދާލައިގެން ހުރެ މަޑުމަޑު ނެށުމެއްގެ ހަރަކާތެއް ގެންނަމުން ދިޔައިރު ދެމީހުންވެސް ތިބީ ލަވައިން ކިޔާ މާނަވީ ބަސްތަކަށް ގެއްލިފައެވެ. އެހެން ތިބިއިރު ވާރޭ ތުނިކޮށްލި ކަމެއްވެސް އެމީހުންނަށް ރޭކާނުލިއެވެ.
ލަވަ ނިމުމާއެކު ރައިޒެލް އިސްއުފުލާލައި މިފްޒާލްގެ މޫނަށް ބަލައިލިއެވެ. މިފްޒާލްގެ ހިނިތުންވެލަމުން ރައިޒެލްގެ ނިތުގައި ބޮސްދިނެވެ. ކުއްލި ހަރަކާތަކާއެކު މިފްޒާލް ރައިޒެލް އޭނާގެ އަތްމައްޗަށް އުފުލާލީ ލުއި ފަތްކޮޅެއް ފަދައިންނެވެ. އެހިނދު ވާރޭގެ އަޑާއި އެކުވެގެން އައީ ރައިޒެލްގެ ލުއި ލުއި ހީނލުމުގެ އަޑެވެ.
މިފްޒާލް ރައިޒެލް ގޮވައިގެން ގޮސް ޖޯލީގައި އިށީނެވެ. ރައިޒެލް އޭނާގެ އުނގުގައި ބައިންދަމުންނެވެ. މޫނުމައްވަށް ވެއްޓިފައިވާ ބައެއް އިސްތަށިތައް މިފްޒާލް ރައިޒެލްގެ ކަންފަތް ދޮށައް ލައްވާލަ ދިނެވެ. ރައިޒެލްގެ ކޮލުގައި ހިފަހައްޓާލައިގެން އިނދެ މިފްޒާލް އެމޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ. ރައިޒެލްގެ މިފްޒާލްގެ އެއަތުގައި ހިފަހައްޓާލައި ދުރުކޮށްލަމުން އެއަތުގައި ބޮސްދިނެވެ.
”އަހަރެން ވަރަށް ވަރަށް ލޯބިވޭ މިފޫ ދެކެ.. ދުވަހަކުވެސް މިފޫއާ ވަކިވާކަށް ބޭނުމެއް ނޫން..“ ރައިޒެލް ބުނެލިއެވެ.
”އަހަރެން ދުވަހަކުވެސް ރައި ދޫކޮށެއް ނުލާނަން.. ދިޔަސް ދާނީ ރައި… “ މިފްޒާލް އެހެން ބުނުމާއެކު ރައިޒެލް މިފްޒާލްގެ އަނގަމަތީގައި އަތް އަޅާލިއެވެ. އެހިނދު މިފްޒާލް ނަޒަރު ދަތުރުކޮށްލީ ރައިޒެލްގެ ތުންފަތަށެވެ. ޝަބުނަމް ތިކިތަކެއް ފަދައިން އެތުންފަތުގައި ހަރުލާފައި ފެންތިކިތައް ފެނި މިފްޒާލަށް ހިންދިރުވާލެވުނެވެ. އޭނާގެ ނަޒަރުގައި ވަނީ ދަހިވެތިކަމެކެވެ. މިފްޒާލްގެ އެދުމަކީ ކޮބައިކަން ދެނެގަންނަން ރައިޒެލްއަށް އުނދަގުލެއްނުވިއެވެ. މިފްޒާލަށް ފުރުސަތު ދެމުން ރައިޒެލް ކުރިއަށްވުރެ ބޮޑަށް މިފްޒާލާ ގާތްވެލައިފިއެވެ. މިފްޒާލްގެ ތުންފަތުގެ ބީހުން އިހުސާސް ވުމާއެކު ރައިޒެލް ދެލޯ މަރައިލިއެވެ. ދެމިގެން ދިޔަ ކުޑަ ހިނދުކޮޅަށްފަހު ކުރިން ދުރުވެލީ ރައިޒެލްއެވެ. މިފްޒާލްގެ އުނގުމަތިން ތެދުވެގެން ގޮސް ރައިޒެލް ތަންކޮޅެއް ދުރުގައި މިފްޒާލަށް ފުރަގަސް ދީގެން ހުއްޓުނެވެ. އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން މިފްޒާލްވެސް ޖޯލިން ތެދުވިއެވެ. އިހުސާސްތައް ހަމަޔަކަށް އަޅުވަން މަސައްކަތްކުރަމުން އޭނާގެ ގޮސް ރައިޒެލްގެ ފަހަތުގައި ހުއްޓުނެވެ.
”ހިތްހަމަނުޖެހުނީތަ.. ސޮރީ… “ މިފްޒާލް ބުނެލިއެވެ.
”ކޮންކަމަކާ ސޮރީ ތިބުނީ.. އަހަރެންގެ ނުޤަބޫލުގައި އެއްވެސް ކަމެއް ނުހިނގައެއްނު.. އެކަމަކު މިފޫ.. މީ ރަނގަޅު ގޮތެއް ނޫން.. ކައިވެނި ނުކޮށް ތިއްބާ ކަމެއް ވެދާނެ ކަމަށް އަހަރެން ބިރު ހީވޭ.. “ ކަންބޮޑުވެފައި ހުރެ ރައިޒެލް ބުނެލިއެވެ. މިފްޒާލް ހިނިތުންވެލަމުން ރައިޒެލް އޭނާއާ ވީކޮޅަށް އަނބުރައިލިއެވެ.
”އަހަރެންވެސް ބޭނުމެއްނޫން މިގޮތަށް އުޅޭކަށް.. ރައި ކަންބޮޑުނުވޭ.. އަހަރެން އެކަހަލަ ކަމެއް ނުކުރާނަން..“ މިފްޒާލް ބުންޏެވެ.
”ދެން ކޮންއިރަކު އަހަރެން މިފޫގެ މަންމަމެންނަށް ތައާރަފްކޮށްދޭނީ… “ ރައިޒެލް އެހެން ބުނެލީ ކެތްމަދުވެފައި ހުރެއެވެ. މިފްޒާލަށް ނުތަނަވަސްކަމެއް ލިބުނީ ދެނެވެ. އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ރައިޒެލް ތައާރަފްކޮށްދޭން އޭނާ ބޭނުމެއްނުވެއެވެ. މިފްޒާލް ވިސްނާފައިވަނީ ކައިވެންޏަށްފަހު ރައިޒެލް ގޮވައިގެން ވަކިން ގެއެއްގައި އުޅުމަށެވެ. ރައިޒެލްއާ އެކު މުޅިން އާ ދިރިއުޅުމެއް ފެށުމަށެވެ. އޭނާގެ މަންމައާއި ރިޝްފާޒްގެ އުނދަގުލެއް ނުވާ ގޮތަށެވެ.
”ރަށައް ދެވުނީމައެއްނު… ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މީހާ ތިހުރީ ފިނިބޮޑުވެ ތުރުތުރުއަޅަނީ.. “ މޫނުމަތީގެ ނުތަނަވަސްކަން ފޮރުވާލަމުން މިފްޒާލް ބުންޏެވެ.
”އާނ ވަރަށް ހީކަރުވާއެބަ… “ މިފްޒާލާއެކު ގޭތެރެއަށް ވަންނަން ހިގައިގަންނަމުން މޭގައި ދެއަތް ހުރަސްކޮށްލައިގެން ހުރެ ރައިޒެލް ބުންޏެވެ.
”އަހަރެން ދާންވީތަ ރައި ކޮޓަރިއަށް.. ހޫނުކޮށްލަދޭން.. “ ލާނެތް ގޮތަކަށް މިފްޒާލް އެހެން ބުނުމާއެކު ރައިޒެލް މިފްޒާލާ ދިމާލަށް ލޯއަޅާލިއެވެ.
**********
އާސިމް އޮތީ ނުނިދިފައެވެ. އޭނާއަށް އުނދަގޫ ކުރަމުން ދިޔައީ ރައިޒެލްގެ ހަނދާންތަކެވެ. ބޭނުންވަނީ އެންމެ ފަހަރަކު ނަމަވެސް އެއަޑު އަހާލާށެވެ. އެންމެ ދުވަހަކު ރައިޒެލް ނުފެނި ހުންނަން ޖެހުމުން އޭނާ ވަނީ ބޭޤަރާރުވެފައެވެ. އެރީތި ސޫރަ ދެކިލުމަށް ކެތްމަދުވެފައެވެ. ރައިޒެލްއަށް ގުޅަން ހިތަށް އަރައިގެން އެތައް ފަހަރަކު ފޯނުވެސް ނެގިއްޖެއެވެ. ނަމަވެސް ރައިޒެލް ރުޅި އަންނާނޭ ހިތަށް އަރާފާއި ގުޅާކަށް ނުކެރެއެވެ. އެންމެ ފަހުން ވަރަށް ހިތްވަރުކޮށްލުމަށްފަހު ކިހިނެއްހޭ އަހާފައި ވައިބާއިން މެސެޖެއް ފޮނުވާލިއެވެ. ތަފާތު ޖޯޝެއް ލިބުނީ މިނިޓެއްވެސް ނުވަނިސް ރައިޒެލް މެސެޖް ބަލައިފިކަން އެނގުމުންނެވެ. ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވެން ފެށީ ރައިޒެލްގެ ޖަވާބަކަށެވެ. އެހެނަސް އާސިމްގެ އެމެސެޖެއް އެތައް އިރެއް ފާއިތުވެގެން ދިޔައިރުވެސް ޖަވާބެއް ނައެވެ. އެކަމާ ހުރެ އާސިމްގެ މުޅި ޠަބީޢަތް ހަރާބުވިކަހަލައެވެ. އެންމެ ބޮޑު ފޫހިކަމެއް ލިބުނީ ރައިޒެލް އޭނާގެ މެސެޖު ބަލާފައިވެސް ޖަވާބު ނުދިނުމުންނެވެ. އައި ރުޅީގައި ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު ތެދުވިއެވެ. ކޮޓަރިން ނިކުމެގެން ބަދިގެއާ ދިމާލަށް ދިޔައީ ކޮފީއެއް ހެދުމަށެވެ. ކޮފީ ހަދައިގެން ބޭރު ޖޯއްޔަށް ނިކުންނަން ބޭނުންވިޔަސް ވާރޭ ވެހޭތީ ދޮރުކަނީގައި ކޮނޑު ޖައްސާލައިގެން ވާރެއަށް ބަލަން ހުރެ ކޮފީތަށި ބޮމުން ދިޔައެވެ. ކައިރިން މީހެއްގެ ހިލަމެއްވިހެން ހީވެ އާސިމް ބަލައިލިއެވެ. ދެއަތް ފުރަގަށް ލައިގެން ދޮރުގެ އަނެއް ފަރާތުގައި ބުރަކަށި ޖައްސާލައިގެން އެހުއްޓުނީ އަރީންއެވެ. ހަމައެކަނި ޓީޝާޓުކޮޅަކާއި ކަކުލަށްވުރެ ތަންކޮޅެއް މަތިން ހުރި ސޯޓެއްގައި ހުރި އަރީންއަށް އާސިމް ބަލައިލީ ހިތްހަމަނުޖެހިފައެވެ.
”ކީއްކުރަން ތިއައީ..؟ “ އަނެއްކާވެސް ވާރެއަށް ނަޒަރު ހުއްޓާލަމުން އާސިމް ބުނެލީ ހިތްހަމަނުޖެހިފައެވެ.
”ކިހިނެއްވީ..؟ އަހަރެން އައިސްގެން ނުވޭތަ؟ “ މަޑުމައިތިރިކަމާއެކު އަރީން ބުނެލިއެވެ. “ އާސިމް ކިހިނެއްވެފަ މިތާ ތިހުރީ..؟
”އަރީން ޕްލީޒް މިތަނުން ގޮސް ދާނަންތަ؟ އަހަރެން ބޭނުންވަނީ އެކަނިވެލަން.. އެހެންނޫނަސް މިތާ ތިއްބާ މީހަކަށް ފެނިޖިއްޔާ ހީކުރާނީ މުޅިން ގޯސްކޮށް… ”
”އާސިމް ކީއްވެ އަހަރެންނާ ތިހާ ރޫޑްކޮށް ވާހަކަ ދައްކަނީ.. އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންގެ އެއްވެސް ކުށެއް ނެތި ކޮންމެ ފަހަރަކު އަހަރެންނާ ތިގޮތަށް ވާޙަކަ ދައްކާއިރު ހިތަކަށް ނާރާތަ އަހަރެންގެ އަތުވެސް އޮންނަނީ ހިތެކޭ.. ކީއްވެ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ.. އާސިމްއަށް އަހަރެން ކީއްކުރީ ތިހާ ރުޅިއެއް އަންނަން.. ބުނެބަލަ!! “ އަރީންގެ އަޑު ކުރެހުނެވެ. އަރީން ރޮނީކަން އެނގުމުން އާސިމް ފުންނޭވައެއް ދޫކޮށްލަމުން އަރީންއަށް ގޮވާލައިފިއެވެ.
”ލުކް އަރީން!! އަހަރެން ހިތްހަމަނުޖެހެނީ އަރީން ނިޔަތް އިނގޭތީ.. އަހަންނަށް މާކުރިންވެސް އެނގޭ އަރީން އަހަރެން ދެކެ ލޯބިވާކަން.. “ އާސިމް ބުނެލިއެވެ.
”ދެން..؟ އާސިމްދެކެ ލޯބިވުމަކީ އަހަރެންނަށް ކުރެވުނު ކުށެއްތަ؟ “ އަރީން އަހާލިއެވެ.
”ލޯބިވުމަކީ ކުށެއް ނޫން.. އުނދަގޫވަނީ އަބަދު އަރީންގެ އަހަރެންގެ އެޓެންޝަން ހޯދަން އުޅޭތީ.. ލުކް އަރީން!! އަހަރެން ވަރަށް ސާފުކޮށް މިބުނަނީ.. އަހަރެން އަރީންދެކެ އެއްވެސް ވަރަކަށް ލޯތްބެއްނުވޭ.. އަހަރެންގެ މިހިތް އެހެން މީހަކަށް ދެވި ނިމިއްޖެ.. އެނޫން މީހަކަށް އަހަރެންގެ މިހިތުން ދުވަހަކުވެސް ޖާގައެއް ނުދެވޭނެ..“ އާސިމްގެ ބަސްތަކުން އަރީންގެ ހިތް ވަޅިއަކުން ކޮށާލެވުނު ފަދައެވެ. ހިތަށް ކުރި ފުންއަސަރާއެކު އޭނާގެ ދެލޯ ފުރި ބަންޑުންވިއެވެ. އަރީން ރޯން ފެށުމުން އާސިމްއަށް އެތަނުގައި ހުންނަން އުނދަގޫވިއެވެ. އެހެންވެ އޭނާ އެތެރެއަށް ވަންނަންވެގެން އެނބުރުނެވެ. އަރީން އާސިމްގެ އަތުގައި ހިފީ ހަމަ އެވަގުތުއެވެ.
”އެނގޭ!! އެނގޭ އާސިމް ލޯބިވަނީ ރައިޒެލްދެކެ ކަން.. އެކަމަކު ރައިޒެލް އާސިމްދެކެ ލޯތްބެއްނުވޭ.. އެހެންނޫނަސް އެއީ ހަވަރު ތުންފުއްސެއް.. ބެހުނީ ކިޔައިގެން އުޅުނަސް އެއީ…….. “ އަރީން އެހެން ބުނުމާއެކު އާސިމްގެ ދެބުމަ ގޮށްޖެހުނެވެ. އަރީންއަށް އަޑަށް ބާރުލަމުން ގޮވާލެވުނެވެ. ރުޅި އައިސްފައި އަރީންގެ އަތް ފޮޅުވައިލިއެވެ.
”ރައިޒެލް ލޯބިނުވިޔަސް އަހަރެން އޭނަ ދެކެ ލޯބިވޭ.. އަބަދުވެސް އަހަރެން ރައިޒެލްގެ އިންތިޒާރުގައި ހުންނާނަން.. އަދި ބުނަންތަ ވާހަކައެއް؟ އިންނާނެ މީހުން ހުސްވިޔަސް އަހަރެން އަރީން އަކާ ނީންނާނަން..“ ހަރުކަށިކަމާއެކު އެހެން ބުނުމަށްފަހު އާސިމްގެ ހިނގައިގަތީ އިތުރަށް އަރީން ރޮއްވާލާފައެވެ. ހިތާމައާއި ރުޅި އެކުވެގެން ދިޔަ ހިނދު އަރީންއަށް ދަތްކުޑިވިކުނެވެ.
”އާސިމްވެސް އަޑުއަހާ… އާސިމް ޖެހޭނީ އަހަރެންނާ އިންނަން.. ތީ ހަމައެކަނި އަހަރެންގެ މީހެއް… ރައިޒެލްއާ އާސިމް ގުޅޭކަށް ލާހިކެއް ނޫން.. “ އާސިމްއަށް އިވޭވަރަށް ބާރަށް އަރީން ބުނެލިއެވެ. ފަހަތް ބަލާލުމެއްނެތި އެދިޔަގޮތަށް އާސިމް ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. ރޮމުން ރޮމުން އަރީންވެސް ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ.
***********
އިވުނު ވާހަކަތައް ޤަބޫލުކުރަން ދަތިވެފައި ދޮރު ކައިރީގައި ޝިރުފާ ހުއްޓެވެ. އާސިމްއާއި އަރީން ވާހަކަ ދައްކާ އަޑު އޭނާއަށް އިވުނީ ފެންފުޅި ހުސްވެފައި ހުރެގެން ފެންފުޅިއެއް ބަލާ ނިކުންނަން އުޅެނިކޮށެވެ. އޭނާއަށް ކުރެވެމުން ދިޔައީ މައްސަލަ ވަރަށް ބޮޑުވެއްޖެ ކަމުގެ އިހުސާސެވެ. އާއިލާ ތެރޭގެ މަސްލަހަތު ގޯސްވާން އުޅޭކަމުގެ އިހުސާސްވެ އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. މައްސަލަ ހޫނުވުމުގެ ކުރިން ޝިރުފާ ގުޅީ އޭނާގެ ފިރިމީހާއަށެވެ. ހަމްދޫނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ހަމްދޫންވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހާއްސަކޮށް ރައިޒެލްއާ ބެހޭގޮތުން އިވުނު ވާހަކަތަކަށްފަހު އޭނާ އިނީ ހައިރާންވެ އަންތަރީސްވެފައެވެ.
”އަރީން އެބުނީ ތެދެއް… ރައިޒެލް އުޅެނީ މިފްޒާލާ ރައްޓެހިވެގެން.. އާސިމްގެ ހިތްހަލާކުވާކަށް އަހަރެން ބޭނުމެއް ނޫން..“ ކޮއްކޮއާ މެދު ވިސްނާލަމުން ހަމްދޫން ބުންޏެވެ.
”އަހަރެންވެސް ނޭދެން އެހެންވާކަށް.. ހަމްދޫން އައިސް އާސިމްއާ ވާހަކަދައްކާބަލަ.. “ ޝިރުފާ އެހެން ބުނުމުން އެކަމަށް އެއްބަސްވުމަށްފަހު ހަމްދޫން ފޯން ބޭއްވިއެވެ.
***********
އެނދުގައި އޮތް މިފްޒާލްގެ ހިޔާލުގައިވަނީ ރައިޒެލްއާއެކު މިރޭ ހޭދަކުރެވުނު ވަގުތުތަކެވެ. ތުންފަތުގައި ލުއިން ހިނިތުންވުމެއްވީއިރު ލޮލުން ފެންނަމުން ދިޔައީ ކުރިމަގާ މެދު ކުރަމުން ދިޔަ އުއްމީދެވެ. ފޯނަށް މެސެޖެއް އައި އަޑުއިވިފައި އަވަހަށް ބަލައިލީ ރައިޒެލް ކަމަށް ހީކޮށެވެ. ނުވެސް ދަންނަ ނަމެއް ޖަހާފައި އިން ނަމްބަރަކުން ފޮނުވާލި އެމެސެޖުގައި އިނީ މިފްޒާލްގެ ނަމުން ގޮވާލާފައެވެ. ކާކުކަން ނޭނގުމުން ޕްރޮފައިލަށް ލާފައި ފޮޓޯ މިފްޒާލް ބަލައިލިއެވެ.
-nuni
Mi Bai ves reethi ekam maa kuru