އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 3648 ކުއްޖެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް ފަލަސްތީނުގެ ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް – ފަލަސްތީނުން ބުނެފިއެވެ.
އެ އަދަދުގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ ހާހަކަށްވުރެ ގިނަ ކުދިން ނުހިމެނޭ ކަމަށް އެ ޖަމާއަތުން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިސްރާއީލުން ވަށާލާފައިވާ އެންކްލޭވްއަށް ކާބޯތަކެތީގެ ސާމާނު އެތެރެކުރުން މަނާކޮށްފައި ވަނިކޮށް، ޑީހައިޑްރޭޝަންގެ ސަބަބުން އިތުރު ކުދިން މަރުވާނެ ކަމަށް އދ.ގެ ކުޑަކުދިންގެ އިދާރާއިން ވަނީ އިންޒާރު ދީފަ އެވެ. އަދި އެ އިދާރާއިން ޣައްޒާ ސިފަކޮށްފައި ވަނީ އެތައް ހާސް ކުޑަކުދިންގެ ގަބުރުސްތާނެއްގެ ގޮތުގަ އެވެ.
އދ.ގެ ކުޑަކުދިންގެ ފަންޑު (ޔުނިސެފް)ގެ ތަރުޖަމާނު ޖޭމްސް އެލްޑަރ އަންގާރަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަރުވި ކުޑަކުދިންގެ ޢަދަދު އެތައް ސަތޭކައަށް އިތުރުވަމުންދާ ކަމަށެވެ.
”މި އަދަދުތައް ވަރަށް ބިރުވެރި، ހައިރާންވާން ޖެހޭ ކަމަކީ މި އަދަދުތައް ކޮންމެ ދުވަހަކު ވެސް ވަރަށް ބޮޑަށް އިތުރުވާތީ“. ޣައްޒާ އަކީ އެތައް ހާސް ކުޑަކުދިންގެ ގަބުރުސްތާނަކަށް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާތަނަށް ފަލަސްތީނުން މަރުވި މީހުންގެ އަދަދު 8،500 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 22،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
ތެޔޮ ހުސްވުމުގެ ސަބަބުން އެ ސަރަހައްދުގެ 35 ހޮސްޕިޓަލްގެ ތެރެއިން މަދުވެގެން 16 ހޮސްޕިޓަލެއް ބަންދުކުރަން މަޖުބޫރުވެފައިވާއިރު، އެ ސަރަހައްދުގެ 72 ޕްރައިމަރީ ހެލްތް ކެއާ ކްލިނިކްގެ ތެރެއިން 51 ކްލިނިކް ވެސް ވަނީ ބަންދުކޮށްފަ އެވެ.