އިސްރާއީލު ސިފައިން ޣައްޒާއަށް ހަމަލާދެމުން ގެންދާއިރު، އިސްރާއީލާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ މަގްސަދުގައި ޓިއުނީޝިއާ ސަރުކާރުން ޑްރާފްޓް ބިލެއް ހުށަހަޅައިފި އެވެ.
ޓިއުނީޝިއާގެ ޕާލަމެންޓަށް ހުށަހަޅާފައިވާ މި ބިލަކީ އިސްރާއީލު ދައުލަތާ އެކު ޑިޕްލޮމެޓިކް، އިގްތިސާދީ އަދި ސަގާފީ ގުޅުމެއް ބާއްވަމުން އަންނަ ފަރާތްތައް ނުވަތަ ޖަމާއަތްތަކަށް އަދަބު ދިނުމެވެ.
މި ބިލުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންގެ މެދުގައި ވަނީ މަޝްވަރާތައް ފަށައިފަ އެވެ. މި ބިލަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ މިބިލުން ދައްކުވައިދެނީ ޓިއުނީޝިއާއިން ފަލަސްތީނުގެ ރައްޔިތުންނާ މެދު ދެމިއޮންނާނެ އެއްބައިވަންތަކަމާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ޓިއުނީޝިއާއިން ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ފަލަސްތީނުގެ ހައްގުތަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް އެއްބަސްވުމެއް ނުވަތަ މުއާމަލާތެއް ކުރުމާ ދެކޮޅަށް އުސޫލެއްގެ ގޮތުން ސްޓޭންޑެއް ނެގުމުގެ މުހިންމުކަން އެ ފަރާތްތަކުން ފާހަގަކުރެ އެވެ.
މި ގަރާރާ ހިލާފަށް އިސްރާއީލާއެކު ގުޅުން ބަދަހި ކުރިކަން ސާބިތުވެއްޖެ ނަމަ ހަ އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާއި 3،140 ޑޮލަރާއި 31،402 ޑޮލަރާ ދެމެދުގެ އަދަދަކުން (10،000 އާއި 100،000 ޓިއުނީޝިއާ ދީނާރު) ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ލިޔުމުގައި ވެއެވެ. އަދި ތަކުރާރުކޮށް ކުށް ކޮށްފި ނަމަ އަދަބެއްގެ ގޮތުން އުމުރަށް ޖަލަށް ލާނެ ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.
މި ބިލަކީ ފަލަސްތީނުގެ ބިންތަކާ މެދު އިސްރާއީލު ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމަށް އިޒްރޭލު ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން އިސްރާއީލާ ދެކޮޅަށް ބޮއިކޮޓް ކުރުމާއި، ޑިސްއިންސްޓްމަންޓް އަދި ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް (ބީޑީއެސް) ކެމްޕޭނަށް ވަކާލާތު ކުރާ ފުޅާ ހަރަކާތެއްގެ ތެރެއިން ހުށަހަޅާފައިވާ ބިލެކެވެ. ބިލުގެ ޑްރާފްޓް ގާނޫނަކަށް ވެގެންދާނެތޯ ބަލަން ޖެހޭ އިރު، އެ ބިލު ތައާރަފުކުރުމުން އިޒްރޭލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން މިހާރު ހިނގަމުންދާ މަޝްވަރާތަކުގައި ޓިއުނީޝިއާގެ ބައިވެރިވުން ވަރަށް ބޮޑަށް ދައްކުވައިދެ އެވެ.
ޓިއުނީޝިއާއަކީ ފަލަސްތީނަށް ތާއީދުކުރާ ތާރީޚެއް އޮތް ގައުމަކަށްވާއިރު، ފަލަސްތީނުގެ ހައްގުތަކަށް އެއްބައިވަންތަވުމުގެ ގޮތުން ޓިއުނީޝިއާއިން އަންނަނީ ޑިޕްލޮމެޓިކް ސްޓޭންޑްތައް ގެންގުޅެމުންނެވެ. މި ހުށަހެޅުނު ޤާނޫނަކީ ފަލަސްޠީނުގެ އިސްތިޤްލާލާއި އަމިއްލަ އިޚްތިޔާރު ހޯދުމަށް ފަލަސްޠީނުގެ ޖިހާދަށް ޒަމާނުއްސުރެ ވެފައިވާ މި ވައުދާ ގުޅިފައިވާ ޤާނޫނެކެވެ.