ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަޙްމަދު ޝަކީލް ފަނޑިޔާރުކަމުން ރިޓަޔަރ ކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިއްހީ ސަބަބާހުރެ ފަނޑިޔާރުކަމުން ރިޓަޔަރ ވުމަށް އެދި ހައިކޯޓުގެ ފަނޑިޔާރު ޝަކީލު, ގަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބައްޔާބެހޭ ސްޕެޝަލިސްޓް ޑޮކްޓަރުގެ ލިޔެކިއުމާއެކު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެގޮތުން އެ ލިޔެކިއުމަށް ރިއާޔަތްކޮށް އޭނާ ފަނޑިޔާރުކަމުން ރިޓަޔަރ ކުރުމަށް އިއްޔެ ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި ވޯޓްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
ޖޭއެސްސީއިން ހާމަކުރި ގޮތުގައި, ފަނޑިޔާރުކަމުގެ މަސައްކަތުގައި 20 އަހަރު ޚިދުމަތް ކުރައްވާފައިވާ ފަނޑިޔާރު ޝަކީލަށް ކުރިމަތިވެފައިވަނީ ހިތުގެ ބައްޔެއްކަމުގައިވާ Sick Sinus Syndrome އެވެ. މި އާލާސްކަންފުޅާ ގުޅިގެން ދެ ފަހަރެއްގެ މަތިން ޕޭސްމޭކަރ ލައްވާފައިވާ ކަމަށާއި މި ބައްޔާހުރެ އޭނާއަށް މިހާރު ކުރިމަތިވަމުންދާ އުނދަގޫތަކާ ގުޅިގެން ޑޮކްޓަރު ދެއްވާފައިވާ ރެކަމަންޑޭޝަންތަކަށް އެ ކޮމިޝަނުން ގޮތެއް ނިންމުމުގައި ބުރަވެފައި ވާނެ ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ.
ސިއްހީ ސަބަބުތަކާހުރެ ރިޓަޔަރ ވާން އެދުމުގެ ފުރުސަތު ފަނޑިޔާރުންނަށް އޮންނައިރު, ސިއްހީ ސަބަބަށްޓަކައި މި އަހަރުގެ މިހާތަނަށް 4 ފަނޑިޔާރަކު ވަނީ ރިޓަޔަރ ކޮށްފައެވެ.