އަންނަ ޑިސެމްބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންތަކާ ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފިއެވެ.
ޑިސެމްބަރު 16 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ
ހއ.ކެލާ, އދ.ހަންޏާމީދޫ, ތ.ގުރައިދޫ, ނ.މާފަރު ކައުންސިލް މެންބަރު ހޮވުމުގެ ބައި-އިލެކްޝަނާއި, ނ.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.
އީސީއިން މިއަދު ބުނީ މި އިންތިޚާބުތަކާ ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ ހުށަހަޅަންވާނީ އެކަމަށް ކަނޑައަޅާފައިވާ ”ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު“ މެދުވެރިކޮށް ކަމަށާއި, ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. ފޯމު އީމެއިލް ކުރާނީ އެ ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސްއަށް ކަމަށެވެ.
އީސީއިން ބުނީ ވޯޓުނެގުމަށް ހަމަޖެހިފައިވާ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުމާ ހަމައަށް ކަމަށެވެ.
އަދި ވޯޓު ނަގާ ދުވަހު ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެ ކަމަށް ވެސް އީސީއިން ވަނީ ބުނެފައެވެ.