ބ.އިންނަފުށި ސަރަހައްދާއި ދަރަވަންދޫ ތިލަ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް, ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ހަވާލާދީ އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން އެ ދެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދެ ސަރަހައްދު ކަމުގައި ހަމަޖައްސައިފައިވާ ކަމަށެވެ.
މިނިސްޓްރީއިން ބުނީ މި ދެ ސަރަހައްދު ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ޠަބީޢީ ގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
އިންނަުފުށި ސަރަހައްދަކީ ފުޅަދޫގެ އިރު-އުތުރަށް އޮންނަ ރަށަކާއި ފިނޮޅުތަކަކާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދެވެ. މި ސަރަހައްދުގެ އިރުމަތި ފަރާުތގައި ހިމާޔަތްކޮށްފައިވާ ކޯބިން ރެކް ސަރަހައްދު އޮވެއެވެ.
އިންނަފުށި ރަށަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫނި އާލާވުމަށް ބޭނުން ކުރަމުންދާ ރަށެކެވެ. މި ސަރަހައްދުގައިވާ ފިނޮޅުތަކަކީ އައިންމަތީ ދޫނި އަރާމު ކޮއްލުމަށާއި ބިސް އެޅުމަށް ބޭނުންކުރާ މާހައުލެކެވެ.
މިނިސްޓްރީއިން ބުނީ މި ސަރަހައްދުގެ އޮއިވަރު ދެމެހެއްޓުމަށް މި ފިނޮޅުތަކަށް ބަދަލު ނުގެެނެސް ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ދަރަވަންދޫ ތިލައަކީ އެ ރަށުގެ ހުޅަނގު ފަރާތުގައި އޮންނަ ގުދުރަތީގޮތުން ރީތި ސިފަތަކެއް ލިބިގެންވާ ތިލައެކެވެ. މި ސަރަހައްދުން އެކި ބާވަތްތަކުގެ މުރަކައާއި ފަރުމަހުގެ ދިރުންތައް ފެންނަކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ޑައިވަރުންގެ މެދުގައި މަޝްހޫރު މި ތިލައިގެ އެންމެ ޚާއްސަ އެއް ސިފައަކީ މި ތިލައިގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ ”ކްލީނިންގ ސްޓޭޝަން“ އެއް އިންނަ ކަމެވެ. މި ތަނުން ް2020 ގެ ނިޔަލަށް 521 އެންމަޑި 1672 ފަހަރު ފެނިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.