ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް)އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް، ޑރ.އެޑްވަރޑް އަޑައީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުން ވިދާޅުވީ މި ބައްދަލުކުރެއްވުން އޮތީ މުލިއާގޭގައި ކަމަށެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ، ޔުނިސެފްގެ ފަރާތުން ރާއްޖެއަށް އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަންކަން ބަލައިގަނެ ޝުކުރު އަދާކުރައްވާފައެވެ.
ހަމަ އެހެންމެ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމާއި، ކުޑަކުދިންނާއި ގުޅޭ އުސޫލުތައް ކަނޑައަޅާ، ރާއްޖޭގައި މި ދާއިރާއިން ކުރަމުންދާ މަސައްކަތް ތަކުގައި ޔުނިސެފުން ދެމުންދާ ޚާއްސަ އަހަމިއްޔަތު އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
ޔުނިސެފާއި ރާއްޖެއާއި ގުޅިގެން، މި ދާއިރާއިން އިތުރަށް ތަރައްޤީ ހޯދުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ޑރ.އެޑްވަރޑް އަޑައީ ވަނީ، މި ދާއިރާއިން މި ވަގުތު ކުރިއަށްދާ މުހިންމު މަސައްކަތްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގައި ކުރިއަށް އޮތްތަނުގައި ރާއްޖެއާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ރާވާފައިވާ ކަންކަމުގެ މަޢުލޫމާތު މެޑަމް ފަޒްނާ އާއި ޙިއްސާކުރައްވާފައެވެ.
ތުއްތު ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި، ޒުވާނުންނަށް ކުރިމަތިވާ މިފަދަ މައްސަލަތަކާއި، ދުޅަހެޔޮ ސިއްޙަތުގައި ބޮޑުވާ ޖީލެއް ބިނާކުރުމާއި، ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމުގައި އެކި ދާއިރާތަކުގެ ދައުރާއި ގުޅޭގޮތުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ މަޢޫލޫމާތު ވަނީ މެޑަމް ފަޒްނާ އާއި ޙިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ، ޔަހޫދީ އިސްރާއިލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް އެހީވުމަށް ޔުނިސެފުން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް ވަނީ، ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކުރުމާއި އިޖްތިމާޢީ ދާއިރާއިން މެޑަމް ފަޒްނާ ކުރައްވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާ ހިތްވަރު ދެއްވާފައެވެ.