ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައި މައްސަލައާއިމެދު ވަކި ގޮތެއް ނުނިމެނީސް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރެވޭނެކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ.
ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރަން ހުށަހެޅީ އެމްޑީޕީ ޕީޖީގެ 49 މެމްބަރުންގެ ސޮޔާއިއެކު އެވެ. މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މިމައްސަލަ ކުރިއަށް ގެންދަން ޖެހޭނީ ރިޔާސަތުގައި މަޖިލީހުގެ ނައިބު ރައީސް އިންނަވައިގެންނެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން މައްސަލަ އެޖެންޑާކޮށް، ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ވިދާޅުވާތީ ޖަލްސާތައް ދިޔައީ ކެންސަލް ކުރަމުންނެވެ.
އެމްޑީޕީން ސުޕްރީމް ކޯޓަށް ދިޔައީ މިމައްސަލައިގައި ކުރިއަށް ދެވޭނެ ގޮތެއް ހޯދުމަށެވެ.
އަންނަ އާދިއްތަ ދުވަހަށް އަނެއްކާވެސް ރައީސް ނަޝީދުގެ މައްސަލަ އެޖެންޑާކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ މަޖިލީހުގެ ގަވާއިދުތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ މައްސަލައާ މެދު އެ ކޯޓުން ގޮތެއް ކަނޑަނާޅަނީސް ނަޝީދުގެ މައްސަލަ އެޖެންޑާ ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ނައިބު ރައީސް ނެތް ހާލަތެއްގައި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ. އެހެންނަމަވެސް އެމްޑީޕީން ގަބޫލު ކުރަނީ މަޖިލީހުގެ ގަވާއިދުގައި އާންމު ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަން އޮންނަ ގަވާއިދުގެ ތެރެއިން އެ ޖަލްސާގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.