ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ކޭކް ޑޯނާސް އިން ކުރިއަށް ގެންދިޔަ ފަންޑްރައިސިންގެ ދެ އިވެންޓުން ލިބުނު ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހަދިޔާ ކޮށްފިއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގެ ކޭކް ޑޯނާސް އިން ވަނީ ދެ ފަހަރެއްގެ މަތިން އިވެންޓްތައް ކުރިއަށް ގެންގޮސްފައެވެ.
މިގޮތުން އޮކްޓޯބަރު 17 ވަނަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގައި މާލޭގެ ހަތަރު ސަރަހައްދަކާއި ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހެނދުނު 7:00 އިން ހަވީރު 6:00 އަށް ސްޓޯލްތައް ބަހައްޓައިގެން ކޭކާއި، ޕޭސްޓްރީގެ އައިޓަމްތައް ވަނީ ވިއްކާފައެވެ.
މިގޮތުން ފުރަތަމަ ބޭއްވި ފަންޑްރައިސިން އިވެންޓުން ކޭކް ޑޯނާސް އަށް ލިބުނު ފައިސާގެ އަދަދު 350،000 އަށްވުރެ މައްޗަށް އަރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ކޭކް ޑޯނާސް އިން އާބަންކޯގެ އެހީތެރި ކަމާއެކު އޮކްޓޯބަރު 28 އިން 31 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ދެވަނަ އިވެންޓުގައި ޖުމުލަ 242،295.25 ފައިސާ ލިބިފައިވާއިރު 162 އެމެރިކާ ޑޮލަރު ލިބިފައިވާކަމަށް ކޭކް ޑޯނާސް އިން ވަނީ ބުނެފައެވެ. އެހެންކަމުން މި ދެ އިވެންޓުން ކޭކް ޑޯނާސް އަށް ވަނީ ޖުމްލަ 5 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
ކޭކް ޑޯނާސްއިން ބުނީ މި ދެ އިވެންޓުން ލިބުނު ފައިސާ މިހާރު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ހަވާލު ކޮށްފައި ކަމަށެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ކޭކް ޑޯނާސްގެ ފަރާތުން އިވެންޓްތައް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ހުސްވި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފަލަސްތީނުގެ 8،700 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 22،200 އަށް ވުރެ ގިނަ މީހުން ޒަހަމްވެ، ގެދޮރު ގެއްލި އެތަށް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.