ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރުގެ މައްސަލަ ކުރިއަށް ގެންދަން މިއަދަށް އެޖެންޑާކުރި ޖަލްސާވެސް ކެންސަލްކޮށްފި އެވެ.
މިއަދުގެ ޖަލްސާވެސް ކެންސަލް ކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އާލާސްކަންފުޅު އަދިވެސް ރަނގަޅު ނުވާތީވެ މަޖިލީހަށް ސަލާން ފޮނުއްވާފައިވާތީއެވެ.
މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައިވާ ގޮތުން މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހަށް ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސެވެ.
އެހެންކަމުން ނަޝީދު މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފަ އެވެ.
ނަމަވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާ މައްސަލަ އާދީއްތަ ދުވަހާއި ހޯމަ ދުވަހާއި ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ ޖަލްސާތައްވެސް ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ ސަލާމް ފޮނުއްވަވާފައިވާތީ ކެންސަލްކޮށްފައެވެ.
އެހެން ކަމުން އެމްޑީޕީން މިހާރުވަނީ މި މައްސަލައިގައި ކުރިއަށް ދެވޭނެ އިތުރު ގޮތެއް ހޯދުމަށް ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ.