ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގައި ޔޫރަޕިއަން ޔޫނިއަންއިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވި ރަޝިއާގެ ރައްޔިތަކު 18 މަހަށް ޖަލަށްލުމަށާއި އޭނާގެ ކުންފުނި 200،000 ޔޫރޯ (211،000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށް ނެދަލެންޑްސްގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޕްރޮސެކިއުޓަރުން ޑިމިޓްރީ ކޭ ނަމަކަށް ކިޔާ އުމުރުން 56 އަހަރުގެ މި މީހާގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ޣައިރު ހާޒިރުގައި ކަމަށާއި މިދިޔަ އަހަރު ޝަރީއަތް ނިމެންދެން ބަންދުން ދޫކޮށްލުމުން އޭނާ ފިލައިގެން ރަޝިއާއަށް ގޮސްފައިވާ ކަމަށް ބެލެވެ އެވެ.
މި ހުކުމުގައި ކޯޓުން ބުނީ އެ މީހާ އަކީ މައިކްރޯޗިޕްތަކާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުގެ ވިޔަފާރި ކުރާތާ ހަ އަހަރު ވެފައިވާ މީހެއް ކަމަށާއި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ފުރިހަމައަށް އެނގޭ ކަމަށެވެ.
އެ މީހާއަކީ އީޔޫގެ ފިޔަވަޅުތައް ބައިޕާސް ކުރުމަށް ބޭރުގެ ގައުމުތައް މެދުވެރިކޮށް ރަޝިއާގެ ކުންފުނިތަކަށް ”ޑުއަލް ޔޫސް“ މުދާ ޗެނަލްކުރި ކުންފުންޏަކާ ހަވާލުވެ ހުރި މީހެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.
ރޮޓާޑަމްގެ ޑިސްޓްރިކްޓް ކޯޓުން ބުނީ އެކަން ކުރުމަށް ޓަކައި އެ މީހާ އެ ތަކެތި އެންމެ ފަހުން ބޭނުންކުރާ މީހާއާ ބެހޭ ގޮތުން އިންވޮއިސްތަކާއި ބަޔާންތައް ހަދައި، އެ ތަކެތި ރަޝިއާ އަށް ފޮނުވި ހެން ހީވާ ކަމަށާއި ބައެއް ހާލަތްތަކުގައި ޔޫކްރެއިންގައި ނެތް ކުންފުންޏަކަށް ވެސް ފޮނުވި ކަމަށް ބެލެވޭ ކަމަށެވެ.
”އޭނާގެ އަމަލުތަކާ އެކު އޭނާ ވަނީ އެނގިހުރެ އަދި ވިސްނުންތެރިކަމާއެކު ޔޫރަޕިއަން ޔޫނިއަންގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ހުރަސް އަޅައި، ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް އުނިކަން ގެނެސްދީފައި،“ ކޯޓުން ބުންޏެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ފަހުން މައިގަނޑު ގޮތެއްގައި އެފިޔަވަޅުތަކުން ދުރުހެލިވުމަކީ އޭނާގެ ވިޔަފާރީގެ މޮޑެލްއަކަށް ވެގެން ދިޔައެވެ.
ނެދަލެންޑްސްގެ މެމްބަރު 27 ގައުމުގެ ތެރޭގައި ހިމެނޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު މޮސްކޯއިން ޔޫކްރޭނަށް ބޮޑެތި ހަމަލާތަކެއް ދޭން ފެށި ފަހުން ރަޝިއާއަށް އަދަބު ދިނުމުގެ ގޮތުން ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އޭގެ ތެރޭގައި ވިޔަފާރީގެ ދާއިރާއާއި ދިފާއީ އަދި މާލީ ގޮތުން އަޅާފައިވާ ހުރަސްތަކުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވި ގާތްގަނޑަކަށް 1800 އެއްހާ މީހުންނާއި މުއައްސަސާތަކުގެ ބްލެކްލިސްޓް ވެސް ހިމެނެ އެވެ.