ދުނިޔޭގެ މަޝްހޫރު އެއް ބްރޫއިން ކުންފުނި ކަމަށްވާ ކާލްސްބާގްގެ އެލްކޮހޯލިކް ބުއިމުގެ ބާޒާރުގައި ރަޝިއާއިން އަމަލުކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް، ބްރޫވަރީގެ ވިޔަފާރީގެ މަސައްކަތްތަކަށް އެ ގައުމުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް ކާލްސްބާގްގެ ސީއީއޯ ބުނެފި އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކާލްސްބާގްގެ ސީއީއޯ ސީސް ޓީ ހާޓް ވަނީ ރަޝިއާއިން އެ ކުންފުނީގެ ވިޔަފާރި ”ވަގަށް“ ނަގަމުންދާ ކަމަށް ސިފަކުރައްވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.
”ޓީ ހާޓް“ އިން ފާހަގަކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރަޝިއާ ސަރުކާރުން މަސްތުވާތަކެތީގެ ގަވާއިދުތައް ހަރުކަށި ކުރުމެވެ. ސީއީއޯ ވިދާޅުވީ މި ރެގިއުލޭޓަރީ ބަދަލުތަކުގެ ސަބަބުން ކާލްސްބާގަށް އެކުންފުނީގެ އުފެއްދުންތައް އެގައުމުގައި ބެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މިފަހަކަށް އައިސް ރަޝިއާ ސަރުކާރުން ވަނީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މި ގަވާއިދުތަކުގެ ސަބަބުން ރަޝިއާގައި ބިޔަރު ބޭނުންކުރާ މިންވަރު މުޅިން ދަށްވެ، ކާލްސްބާގް ފަދަ ކުންފުނިތަކަށް ވަނީ ސީދާ އަސަރުކޮށްފަ އެވެ.
މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން ފަދަ ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާލްސްބާގާއި ރަޝިއާގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެހެން ކުންފުނިތަކުގެ ވިޔަފާރީގެ މާހައުލު ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ކާލްސްބާގްގެ އޮޕަރޭޝަންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ސީސް ޓީ ހާޓް ވިދާޅުވީ ”ރަޝިއާއިން ބަނގުރަލާ ބެހޭ ގޮތުން ހަރުކަށި ގަވައިދުތަކެއް ހަދާފައިވާތީ އަހަރެމެންގެ ވިޔަފާރިއަށް އަސަރުކުރާތަން ފެނިފައިވަނީ. މީގެ އިތުރުން އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެސަބަބުން އެއްވެސް ފައިދާއެއް ނުކުރެ. އެ މާކެޓުގައި ވިޔަފާރި ކުރިއެރުވުމަށް ދަތިތަކެއް އެބަހުރި“.
މީގެ އިތުރުން ރަޝިއާގެ ލޯކަލް ބްރޫއަރީތަކުގެ ވާދަވެރިކަން އިތުރުވެ، ކަސްޓަމަރުން އެތެރޭގެ އުފެއްދުންތަކަށް ތަރުހީބު ދޭ މިންވަރު އިތުރުވަ މުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ރަޝިއާގެ ބިޔަރު ބާޒާރުގައި ކަސްޓަމަރުންގެ ތަރުހީބު ބަދަލުވެ، ރަޝިއާގެ އާދަޔާ ހިލާފު ބުއިންތަކާއި ކްރާފްޓް ބިޔަރުތަކަށް އާ ޝައުގުވެރިކަމެއް ވަނީ އުފެދިފަ އެވެ.
ރަޝިއާގައި ކާލްސްބާގަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކުވެސް، ޓީ ހާޓް އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ކުރިއަރަމުން އަންނަ ބާޒާރުގެ ޙާލަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ ސްޓްރެޓެޖީތައް އަބަދުވެސް ބައްޓަންކުރައްވަމުން ގެންދެވުމަށެވެ.
1847 ވަނަ އަހަރު އުފެދުނު ކާލްސްބާގަކީ ދުނިޔޭގެ އެންމެ ބޮޑެތި ބްރޫވިން ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ރަޝިޔާއަކީ އާދަޔާ ހިލާފަށް ކާލްސްބާގަށް ވަރަށް މުހިންމު މާކެޓެކެވެ.