އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް-ޕީއެންސީ ޕްރައިމަރީ އަންނަ ޖަނަވަރީ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ޖެނުއަރީ 20 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ކޯލިޝަންގެ ޓިކެޓަށް ޝައުގުވެރިވެރިވާ ޕީޕީއެމް ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނީ ޑިސެމްބަރު 20 އިން ފެށިގެން ކަމަށާއި ސުންގަޑިއަކީ 31 ވަނަ ދުވަސް ކަމަށް ވަނީ ބުނެފައެވެ.
“ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއިން ވާދަ ކުރުމަށް ކެންޑިޑޭޓުން ނެރޭނީ ދެޕާޓީ އެކުގައި އެއް ކޯލިޝަނަކުން.“ ބަޔާނުގައި ވަނީ ބުނެފައެވެ.
މަޖިލީހުގެ އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް މި މަހުގެ ތެރޭގައި އިއުލާނު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބު ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށް އީސީއިން ވަނީ ބުނެފައެވެ.