އަންނަ އަހަރު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް 61 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބަޔަކީ މަޖިލިސް އިންތިޚާބަށް ހިނގާނެ ޚަރަދެވެ.
ބަޖެޓު ފޮތުގައިވާ ގޮތުން މަޖިލިސް އިންތިޚާބަށް ވަނީ 61 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކަށް ވަނީ 1.5 މިލިއަން ރުފިޔާ ހިމަނައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ވަކި ތާރީޚެއް ނޮވެމްބަރު މަހުގެ ތެރޭގައި އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވެފައިވަނީ މަޖލީހުގެ އިންތިޚާބުގެ ގާނޫނުގައިވާ ގޮތުގެ މައްޗަށް ބަލާއިރު, “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024“ ބޭއްވޭނީ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލްމަހުގެ ކުރީކޮޅު ކަމަށެވެ.
މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓް މި މަހުތެރޭގައި އާންމު ކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޙަބީބް ވަނީ ވިދާޅުވެފައެވެ.
އިންތިޚާބީ ދާއިރާތައް ފައިނަލް ވުމުން އެ ދާއިރާތަކަށް ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ތައްޔާރުކޮށް, އެ ލިސްޓު ބޭނުންވާ ފަރާތްތަކަށް ހިއްސާ ކުރުމަށްޓަކައި, ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު ދުރާލައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޙަބީބް ވަނީ ވިދާޅުވެފައެވެ.