ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ފައިނަލް ރިޕޯޓު ނޮވެމްބަރުމަހުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ލިބިފައިވާ ޝަކުވާ/ޚިޔާލުތައް އީސީއިން ދިރާސާ ކުރަމުންދާ ކަމަށެވެ. އަދި ދިރާސާކޮށް ނިމުމުން ޝަކުވާ/ޚިޔާލު ހުށަހެޅި ފަރާތްތަކަށް އީސީއިން ވަރަށް އަވަހަށް ޖަވާބުދޭނެ ކަމަށާއި ދާއިރާތަކުގެ ފައިނަލް ރިޕޯޓު މި މަހުގެ ތެރޭގައި އާންމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޙަބީބް ވިދާޅުވިއެވެ.
“ދާއިރާތަކުގެ ފައިނަލް ރިޕޯޓު ނޮވެމްބަރު މަހުގެ ތެރޭގައި އާންމު ކުރުމަށް އީސީން ދަނީ މަސައްކަތް ކުރަމުން.“
އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް 65 ޝަކުވާ ލިބިފައިވާކަން ފާހަގަކުރައްވައި ޙަބީބް ކުރިން ވިދާޅުވެފައިވަނީ ހުށަހެޅިފައިވާ ޝަކުވާތަކަށް މި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އީސީން ގޮތެއް ކަނޑައަޅާނެ ކަމަށެވެ.