ދައުލަތުގެ ބައެއް އިދާރާތަކުންނާއި, ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.
އޭސީސީއިން ނެރުނު ބަޔާނެއްގައި ބުނީ, މި ދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި, ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާގުޅޭ ތަހުގީގުތައް ކުރިއަށްގެންދާތީ ކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވަނީ ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު, އެކަންކަން ނުހުއްޓުވައިފިނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަނުކުރެވޭފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާތީ ކަމަށެވެ.
މިގޮތަށް އަންގާ އެންގުންތަކަކީ ވަގުތީ ގޮތުން އަންގާ އެންގުންތައް ކަމަށާއި އަދި އެ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު, އެފަދަ އެންގުމަކަށް ބަދަލު ގެންނަންޖެހޭނަމަ, އެ ބަދަލެއް ގެނެސް, އެ އެންގުމެއް ރައްދުވާ ފަރާތަކަށް އެކަން އަންގަމުން ގެންދާނެ ކަމަށް އޭސީސީއިން ބުންޏެވެ.
ވަކިކަމެއް ވަގުތީ ގޮތުން މަޑުޖައްސައިލުމަށް އިދާރާތަކަށް އެންގި ނަމަވެސް އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ޚިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުންފަދަ އެއްވެސް ކަމެއް ހުއްޓާލުމަށް އެ ކޮމިޝަނުން އަންގާފައިިނުވާނެ ކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ.
“ކޮމިޝަނުން ވަކި ކަމެއް މަޑުޖައްސައިލުމަށް އަންގާ މައްސަލަތަކުގެ ތަހުގީގުތައް ވީހާވެސް އަވަހަށް ނިންމުމަށް ކޮމިޝަނުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަމުންގެންދާކަން މި ފުރުސަތުގައި ފާހަގަކުރަން.“
އާބަންކޯއާ ގުޅޭ ގޮތުން ހުށަހެޅި ބަލަމުންދާ މައްސަލައަކާ ގުޅިގެން އެ ކުންފުނިން ފަސް ކަމެއް ކުރުން މަޑުޖައްސައިލުމަށް އޭސީސީއިން ވަނީ އަންގައިިފައެވެ.
އެ ކަންކަމަކީ ބޭރުގެ ފަރާތްތަކަށް ހުޅުމާލެއިން ބިން ދިނުމާގުޅޭ ކަންކަމާއި, އީއޯއައި ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަންކަމާއި, ދިގު މުއްދަތަކަށް ބިން ކުއްޔަށް ދިނުމާއި ބިން ވިއްކުމާ ގުޅޭ މުއާމަލާތްތަކާއި, ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށްގެންދާ ކަންކަމާއި, މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރުން މަޑުޖައްސައިލުމެވެ.
މީގެއިތުރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތަށް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް ބަލަމުންދާތީ, އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް ވެސް އޭސީސީއިން ވަނީ ފެނަކައަށް އަންގައިފައެވެ.