ބައެއް ރަށްތަކުގެ ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޑިސެމްބަރު މަހުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އަންނަ ޑިސެމްބަރު މަހުގެ 16 ވާ ހޮނިހިރު ބާއްވަން ނިންމާފައިނީ ހއ.ކެލާ ކައުންސިލްގެ އަންހެން މެންބަރު, އދ.ހަންޏާމީދޫ އަދި ނ.މާފަރު ކައުންސިލް މެންބަރު, ތ.ގުރައިދޫ ކައުންސިލް ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންތައް ކަމަށެވެ.
މީގެއިތުރުުން ނ.މާފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުން ވެސް އެ ދުވަހު އޮންނާނެއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިއަދު 14:00 ގައެވެ. ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ 14:00 އެވެ.
އީސީއިން ވަނީ މި ބައި-އިލެކްޝަންތަކުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ވެސް މިއަދު އާންމުކޮށްފައެވެ.
މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނީ މި މަހުގެ 12 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.