ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު އިއްޔެ އާންމު ކުރިއިރު ބަޖެޓްގައި ހިމަނާފައިވާ ހާއްސަ ޕްރޮގްރާމްތައް ހިންގުމަށް އަންނަ އަހަރުގައި 1.9 ބިލިއަން ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އެ ފައިސާއިން ހިޔާ ފްލެޓްގައި ލިފްޓް ހަރުކުރުން ވެސް ހިމެނެ އެވެ. އެމަސައްކަތަށް 200 މިލިއަން ރުފިޔާ ވަނީ އަންދާޒާ ކޮށްފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރި ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި 200 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
މީގެ އިތުރުން ހުޅުމާލޭގެ ގެދޮރުވެރިކަމާއި ބިންވެރިކަން ބަލަހައްޓާ އާބަންކޯ އަށް 177 މިލިއަން ރުފިޔާ ދީ ބޯހިޔާވަހިކަން އަގުހެޔޮ ކުރަންވެސް ވަނީ ބަޖެޓުގައި ހިމަނައިފަ އެވެ.
އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވާނީ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރުން ކަމަށް ވިދާޅުވި އެވެ.
ހިޔާ ފްލެޓުގައި އަލަށް ހަރުކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަށް ސްޓްރެޗާ އެރުވޭނެ އެވެ. އެލިފްޓަކީ 14 މީހުންގެ ޖާގަ އޮންނާނެ ވަރުގެ ބޮޑު ލިފްޓަކަށް ވާނެ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.