ފަސް ގަރުނަށްވުރެ ގިނަ ދުވަަސްވީ އުތީމު ގަނޑުވަރުގެ ފުރާޅު ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ޝައުުގުވެރިވާ ފަރާތްތަކަށް ބިޑަށް ހުޅުވާލައިފިއެވެ.
އުތީމު ކައުންސިލުގެ އިދާރާއިން ބުނީ އެ އިދާރާއިިން ކުރިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ރަޖިސްޓްރީ ކޮއްފައިނުވާތީ އެ އިއުލާން ބާތިލްކޮށްފައިިވާ ކަމަށެވެ. އަދި އެ ކައުންސިލްގެ އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އުތީމު ގަނޑުވަރު ފުރާޅު ބަދަލު ކުރުމަށް އެސެސްޓްމަންޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ބިޑުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 07 ވާ އަންގާރަ ދުވަހުގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅަން ޖެހެއެވެ.
ބިޑު ހުށަހެޅުން އޮންނާނީ މި މަހުގެ 21 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި އުތީމު ކައުންސިލް އިދާރާއާއި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގައެވެ.
އުުތީމު ގަނޑުވަރަކީ ޙުސައިން ހަތީބު ތަކުރުފާނު އުޅުއްވި އަދި އުތީމު ތިންބެއިންނާއި ފާތިމާފާނު އުޅުއްވައި ބޮޑުފުޅުވި ގެކޮޅެވެ.
މި ގެކޮޅު އިމާރާތްކުރެވުނީ އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގެ ދުވަސްވަރުގައެވެ.
އިހުގައި މި ގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނި މުޑިޖަހައި ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެ ވަކަރުތަށް މެއްލަގަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ދަމާދޮރު ލާފައިހުރި ބިތްތައް މިހާރުވެސް ފެންނަން އެހުރީ އޭރު ހުރިގޮތަށް ލަކުޑިންނެވެ. މި ގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.