ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ޤަރާރުގެ މައްސަލައިގައި މާދަމާވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެ ޕާޓީން މަޖިލީހުގެ އިދާރާގައި އެދިއެޖެއެވެ.
އެނގިފައިވާ ގޮތުގައި މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވައި، އެ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގެ އިދާރާގައި އެދިފައެވެ.
އެގޮތުން މި މައްސަލަ އެޖެންޑާކޮށް މާދަމާގެ ޖަލްސާގައި ކުރިއަށްގެންދިއުމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ނިންމަވާފައެވެ.
މަޖިލިސް ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީގެ 48 މެންބަރުންގެ ސޮޔާއެކުއެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުދާ ކަމަށް ބުނެ އިތުރު ގޮތެއް ހޯދުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއްވެސް ހުށަހަޅާފައެވެ. މިގޮތުން އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ ހައެއްވާ ހޯމަ ދުވަހުގެ 10:00 އަށެވެ.