އެފްއޭއެމް އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް 498،712 ދިވެހި ރުފިޔާ ދައްކަން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވިދާޅުވީ، ހުށަހަޅާފައިވާ ހެކިތަކުން މިއީ އެފްއޭއެމުން ބީހައިވް އަށް ދައްކަންޖެހޭ ފައިސާ ކަމަށް ސާބިތުވެފައިވާ ކަމަށެވެ.
އެހެން ކަމުން އެފްއޭއެމްގެ މާލީ ހާލަތު ތަންނުދޭތީ އެދިފައިވާ ގޮތަށް މި ފައިސާ ބީހައިވް އަށް ދައްކާ ހަލާސް ކުރުމަށް ވަނީ އެއް އަހަރުގެ މުއްދަތެއް ދީފައެވެ.
އެފްއޭއެމް އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ފަސްލައްކައެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފައިވާއިރު އެ އެސޯސިއޭޝަން އޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފަ އެވެ.
އަދި މި މަހުގެ ތެރޭގައި ފުލުހުން ވަނީ އެ އިދާރާގެ ބައެއް މާލީ މުއާމަލާތްތައް ހިންގާފައިވާ ގޮތާމެދު ތަހުގީގު ކުރަން ފަށާފައެވެ. ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެތަނުގެ މުވައްޒަފުންނާއި ޤައުމީ ޓީމުގެ ކުޅުންތެރިންނަށްވެސް މުސާރަ ނުދީ ހިންގަމުން އަންނަތާ ވަނީ ގިނަ ދުވަސް ތަކެއް ވެފައެވެ.