އިނގިރޭސިވިލާތުގައި ތްރެޑްސްގެ ނަން ބޭނުންކުރުން ހުއްޓާލަން 30 ދުވަހުގެ މުއްދަތެއް ދީފިއެވެ.
ތްރެޑްސް ސޮފްޓްވެއާ ލިމިޓެޑުން ބުނީ އެ ކުންފުނީގެ ވަކީލުން ފޭސްބުކް އަދި އިންސްޓަގްރާމް ގެ މައި ކުންފުންޏަށް މިދިޔަ ހޯމަ ދުވަހު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. މެޓާ އިން ތްރެޑްސްގެ ނަން ބޭނުން ކުރުން ހުއްޓާނުލައިފި ނަމަ، ތްރެޑްސް ސޮފްޓްވެއާ ލިމިޓެޑުން ބުނަނީ ކޯޓުތަކުން އަމުރަކަށް އެދޭނެ ކަމަށެވެ.
އިނގިރޭސި ވިލާތުގެ އެ ކުންފުނިން 2012 ވަނަ އަހަރު ޓްރޭޑްމާކް ކުރީ އެ ކުންފުނީގެ އިންޓެލިޖެންޓް މެސެޖިން ހަބަށް ކަމަށާއި އެ ކުންފުނީގެ އީމެއިލްތަކާއި ޓުވީޓްތަކާއި ވޮއިސް އޯވާ އިންޓަނެޓް ޕްރޮޓޮކޯލް ފޯން ކޯލްތައް ކްލައުޑް ޑޭޓާބޭސްއެއްގައި ރައްކާކުރެވޭނެ ކަމަށެވެ.
މެޓާގެ ޑޮމެއިންގެ ނަން ”threads.app“ ގަންނަން އެ ކުންފުނީގެ ވަކީލުން ހުށަހެޅި ހަތަރު ހުށަހެޅުމަށް ދެކޮޅު ހަދާފައިވާ ކަމަށް އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
ދެން މެޓާ އިން އެލަން މަސްކްގެ އެކްސްއާ ވާދަކުރުމަށް ފަރުމާކޮށްފައިވާ އެ ކުންފުނީގެ ސޯޝަލް މީޑިއާ އެޕްލިކޭޝަން ތްރެޑްސް ލޯންޗު ކުރިއިރު އިނގިރޭސި ވިލާތުގެ ކުންފުނިން ބުނަނީ ފޭސްބުކުން އުނިކޮށްފައިވާ ކަމަށެވެ.
ތްރެޑްސް ސޮފްޓްވެއާ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޖޯން ޔާޑްލީ ވިދާޅުވި ގޮތުގައި މި ވިޔަފާރިއަށް ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނީގެ ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މެޓާގެ އެޕް ނެރުނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން ޗެޓްޖީޕީޓީ ފަހަތަށް ޖައްސާލައި، ފަސް ދުވަހުގެ ތެރޭގައި އެންމެ އަވަހަށް 100 މިލިއަން މީހުން ބޭނުންކުރާ އެޕްލިކޭޝަނަކަށް ވަނީ ވެފަ އެވެ. އެކަމަށް އެހީވީ ތްރެޑްސް އިންސްޓަގްރާމާ ގުޅިފައި އޮތުމުންނެވެ.
ޖުލައި މަސް ނިމުނުއިރު ތްރެޑްސް ބޭނުންކުރާ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން އެ ޕްލެޓްފޯމް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް މާކް ޒަކަބާގް ވިދާޅުވި އެވެ. އޭގެ ފަހުން މި އެޕްލިކޭޝަނުން އާ ފީޗާތަކެއް ތައާރަފްކޮށްފައިވާއިރު މި މަހު މިހާތަނަށް އެކްޓިވް ކަސްޓަމަރުންގެ އަދަދު ވަނީ 120 މިލިއަނަށް އަރާފަ އެވެ.