ބޮލީވުޑްގެ ކުރީގެ ބަތަލާ ޕްރިތީ ޒިންތާ ފިލްމީ ދާއިރާއަށް އެނބުރި އަންނަން އުޅޭ ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި ޕްރިތީ ދާއިރާއަށް އެނބުރި އަންނަން ނިންމާފައިވަނީ ދެކުނު އިންޑިއާގެ ފިލްމަކުން ކަމަށެވެ. އެގޮތުން މިއީ ދެކުނު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރެއްގެ ފިލްމެއް ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ނަމަވެސް މި ފިލްމާ ބެހޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޕްރިތީ ފިލްމީ ދާއިރާއިން ބްރޭކެއް ނަގާފައިވަނީ 2016 ވަނަ އަހަރުގައި އެމެރިކާ މީހަކާއި ކައިވެނިކޮށް ލޮސް އެންޖެލަސް އަށް އޭނާގެ ދިރިއުޅުން ބަދަލު ކުރުމާއި ގުޅިގެންނެވެ. ޕްރިތީ އޭރުވެސް އަދި ދާއިރާއަށް އެނބުރި އަންނާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
ޕްރިތީ އަކީ 2000 ގެ ކުރީކޮޅުގައި ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް ބަތަލާއެވެ. ޕްރިތީ ދާއިރާއިން ބްރޭކެއް ނެގީ 2010 އަކުން ފެށިގެން އޭނާގެ ފިލްމުތަކަށް ތަރުހީބު ނުލިބެން ފެށުމުން ކަމަށް ވެސް ބައެއް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.
ޕްރިތީ ކުޅުން މަޝްހޫރު ފިލްމު ތަކުގެ ތެރޭގައި، ”ދިލް ހޭ ތުމްހާރާ“ ”ކްޔާ ކެހެނާ“ ”ކޮއި މިލްގަޔާ“ ”ކަލް ހޯ ނަހޯ“ ”ވީރް ޒާރާ“ ފަދަ ކާމިޔާބު ފިލްމުތައް ހިމެނެއެވެ.