ވައްކަން ކުރަން ގެއަކަށް ވަދެ އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ހދ.ނޭކުރެންދުއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނަކު ހިފެހެެއްޓީ މާލޭ ގެއެއްގެ ދެވަނަ ފަންގިފިލާގެ ސިޑިމަތީގައި ހުއްޓައެވެ.
މި މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ އެ ގެއަށް ވަނީ ވައްކަން ކުރަން ނޫން ކަމަށާއި ކުޑަކަމުދާން ޖެހިގެން ކަމަށެވެ.
ނަމަވެސް އެ ގެއަކީ އޭނާއާ އެއްވެސް ގޮތަކަށް ގުޅުންހުރި ގެއެއް ނޫން ކަމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
އޭނާ ދިރިއުޅޭ ތަނެއް މާލޭގައި ނުހުންނަ ކަމަށާއި ނިދައި ހަދަނީ ރައްޓެއްސެއްގެ ގޭގައި ކަަމަށް ބުނި ނަމަވެސް ރައްޓެހި މީހާގެ ވަނަން ފިޔަވައި އެއީ ކޮން ގެއެއްކަން ވެސް އޭނާއަށް ނޭނގޭ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ. އަމުރުގައި ވަނީ މިއަހަރު އޭނާގެ ހައްޔަރު/ބަންދު ރެކޯޑް ގިނަކަން ވެސް ފާހަގަކޮށްފައެވެ.