ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ދެ ޕާޓީގެ އިސް ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ އެ ބޭފުޅުން އެހެން އިވެންޓްތަކުގައި އުޅުއްވާތީ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ގޭބަންދަށް ލުއިތަކެއް ދިނުމާއެކު އިއްޔެރޭ ޕީޕީއެމް އޮފީހަށް ވަޑައިގެން ޕާޓީގެ މެންބަރުންނާއެކު ރައީސް ޔާމީން ވަނީ ބައްދަލުވުމެއް ބާއްވަވައިފައެވެ. އަދި ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގެންނެވިއެވެ.
ނަމަވެސް އެ ދެ ޖަލްސާާގައި ވެސް ލީޑާޝިޕްގެ އިސް ބޭފުުޅުން ބައިވެރިވެވަޑައިނުގަންނަވައެވެ.
ރޭގެ ޖަލްސާ ފެށިއިރު ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އިންނެވިއެވެ. ނަމަވެސް އިރުކޮޅެއް ފަހުން ޝިޔާމް ވަނީ ޖަލްސާ ދޫކުރައްވައި ވަޑައިގެންފައެވެ.
ރޭގެ ޖަލްސާއަށް ބަލާއިރު ރައީސް ޔާމީން އަރިހުގައި ދެން ތިއްބެވީ އެމަނިކުފާނުގެ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދާއި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލެވެ.
މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ އިސް ބޭފުޅަކު މިއަދު ވިދާޅުވީ އިއްޔެރެއާއި ރޭގައި އިސް ބޭފުޅުންނަށް ބައިވެރިވެވަޑައިނުގެންނެވުނީ އެ ބޭފުޅުން އެހެން އިވެންޓްތަކުގައި އުޅުއްވާތީ ކަމަށެވެ. ނަމަވެސް އެއީ ކޮންތަނަކު ކުރިއަށްދިޔަ, ކޮންކަަހަލަ އިވެންޓްތަކެއް ކަމެއް ސާފު ކޮށްދެއްވައިފައެއް ނުވެއެވެ.
މެހި އެބުރޭނީ ހަކުރު ވަށައިގެންނެވެ. ހަކުރު ލޮނަށް ވީމާ ހަކުރު ހުރި ދިމާލެއް ހޯދައިގެން މެހިތައް ދާނެއެވެ.