ޖުޒާމު ބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވެއްޖެއެވެ.
ސިއްހަތާބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޖުޒާމު ބަލި ނުވަތަ ލެޕްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރާއްޖެ ބަލައިގެންފައިވާ ކަމުގައެވެ.
މިކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ރާއްޖެއަށް އެވޯޑެއް ދީފައެވެ.
އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ 76 ވަނަ ބައްދަލުވުމުގައި އެ ސަރަހައްދުގެ ޑިރެކްޓަރު ޑރ.ޕޫނަމް ވަނީ ސިއްހަތާބެހޭ ވަޒީރު އަޙްމަދު ނަސީމާ އެ އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.
ޖުޒާމު ބަލި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅުމުގެ މަސައްކަތް ސިއްހަތާބެހޭ ވުޒާރާއިން ފެށީ 2019 ގައެވެ.
މި ބަލި ނައްތާލުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ބަލި ދެނެގަތުމާއި, ބައްޔަށް އާއްމުން ސްކްރީން ކުރުމާއި ބައްޔަށް ދޭން ޖެހޭ ފަރުވާތަކާއި ބައްޔާމެދު ދެކޭ ގޮތް ބަދަލުކުރުމަށް ސިއްހީ ޚިދުމަތްތެރިން ތަމްރީން ކުރުން ހިމެނެއެވެ.
އަދި މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓަރނަލް ވެރިފިކޭޝަން އެސެސްމެންޓާއި ބައިނަލް އަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާރނަލް ވެރިފިކޭޝަން އެސެސްމެންޓަތައް ކުރިއަށް ގެންދިޔައެވެ.
މި ބައްޔަކީ 1980 ގެ އަހަރުތަކުގެ ކުރިން ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް 1982 ވަނަ އަހަރު ރާއްޖޭގައި މި ބައްޔަށް ބޭސް ތައާރަފުކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާދޭން ފެށުމާ ހަމައިން ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިއެވެ. އަދި މި ބައްޔަކީ ދިވެހިރާއްޖޭގެ އާންމު ޞިއްޙަތަށް އޮތް ނުރައްކަލެއް ނޫންކަމުގައި 1997 ވަނަ އަހަރު
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅިއެވެ.