ބައިސްކަލެއް ވަގަށް ނަގައިގެން ފިހާރަކަށް ވިއްކާލަން ގޮސް، ނުގަތުމުން ފިހާރައިގެ މުދަލަށް ގެއްލުންދީ އެ ތަނުގެ މުވައްޒަފުންނާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކުރީ މީގެކުރިން ވެސް ބައިސްކަލް ވަގަށް ނެގުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށްވާ ކ.ތުލުސްދޫ/އުދުހޭކޮކާ، ޢަބްދުލްމަޖީދު (34އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ފިހާރައެއްގެ މުދަލަށް ގެއްލުންދީ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ކަމަށާއި އޭނާ ފިހާރައަށް ދިޔައީ ބައިސްކަލެއް ވަގަށް ނަގައިގެން އެ ބައިސްކަލް ވިއްކަން ކަމަށް ފުލުހުން ހުށަހަޅާފައިވާ ހާދިސާ ރިޕޯޓުން އެނގޭ ކަމަށެވެ.
”ފިހާރައިގެ މީހުން ބައިސްކަލު ނުގަތުމުން މާރާމާރީ ހިންގައި މުދަލަށް ގެއްލުންދީފައިވޭ. މީނާ ބުނާ ގޮތުން ފިހާރައިގެ މީހުން މީނާ ގައިގައި ތަޅައި އެކިވަރުގެ އަނިޔާދީފައިވޭ.“
ނަމަވެސް ކުށުގެ ވެށީގައި އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ބުނެފައިވާނުވާ ކަމަށް ފުލުހުން ބުުނެފައިވާ ކަމަށް އަމުރުގައިވެއެވެ.
އޭނާއަކީ މި އަހަރު ހައްޔަރު/ބަންދު ރެކޯޑް ގިނަ މީހެއްކަމަށް އަމުރުގައި ފާހަގަކޮށްފައިވެއެވެ.