ޤާނޫނާއި ޚިލާފަށް މި 5 އަހަރު ކުރި އެއް ކަމެއް ވެސް ނޯންނާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު އެ ފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވީ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށް ވިދާޅުވެ ކުރަމުންދާ ތުހުމަތުތަކަށާއި ގުޅިގެންނެވެ.
ފިނޭންސް އަމީރު މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގެންނެވީ އެޓަރނީ ޖެނެރަލްގެ ގާނޫނީ ލަފާ ދެއްވާފައި ވާތީއެވެ.
އެކަމާއި ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރ އަލީ އާޒިމް ވިދާޅުވީ އެފަދަ އެންގުމެއް އެޖީއަށް ވެސް ނޭންގޭނެ ކަަމަށާއި މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމަކީ އަމީރު ޤާނޫނާއި ޚިލާފަށް ކުރެއްވި ކަމެއް ކަަަމަށެވެ.
އެކަމާއި ގުޅިގެން ކޮންމެ ވެސް ދުވަހަކުން އަމީރު ކޯޓަށް ދާން ޖެހޭނެ ކަަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.
އާޒިމްގެ އެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ އަމީރު ވިދާޅުވީ މުސްތަގްބަލުގައި ކަންކަން ހިނގާނެ ގޮތެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފަށް ކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ހަމައެކަނި މިއަދުގެ ވާހަކަ ނޫން ކަމަށާއި ޤާނޫނާއި ޚިލާފަށް މި 5 އަހަރު ވެސް ކުރެއްވި ކަމެއް ނޯންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.