ކުޑަކުދިންގެ ހައްގުތަކާއި ގުޅޭ ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ހއ.ދިއްދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ދިއްދޫގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތައް ފެށިގެން ދިޔައީ 26 އޮކްޓޫބަރު 2023 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހާއްސަ ސެޝަނަކުންނެވެ.
އެ ސެޝަންގައި ”ޗައިލްޑް ޕްރޯއެކްޓިވް ޑިޒިޝަން“ ނަގާނެ ގޮތާއި ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އެކުދިން އަހުލުވެރިކުރުމާގުޅޭ މަޢުލޫމާތު ބެލެނިވެރިންނަށް ފޯރުކޮށްދިނުމުގެ އިތުރުން ކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓް ކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ވެސް ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ކުރިއަށްގެންދާ ”ކުދިންގެ ރައުޔު“ ސިލްސިލާގެ ހަތްވަނަ ފޯރަމް ވަނީ 28 އޮކްޓޫބަރު 2023 ގައި ހއ. އަތޮޅު ތައުލީމީ މަޒުކަޒުގައި ބާއްވާފައިވެއެވެ.
1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ފޯރަމްގައި ހއ. އަތޮޅުގެ 13 ސްކޫލަކުން ޖުމްލަ 101 ކުދިން ބައިވެރިވިއެވެ.
ކުދިންގެ ރައުޔު ފޯރަމަކީ ކުދިންނާއި ގުޅޭ ކަންކަމުގައި އެކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދައި ކުދިން ކަންކަމުގައި ދެކޭގޮތް ހާމަކުރުމަށާއި ކުޑަކުދިންގެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަށް ކުދިން އަހުލުވެރިކުރުވުމަށް ބާއްވާ ފޯރަމެކެވެ.
މި ފަހަރުގެ ފޯރަމްގައި ވެސް ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ތަފާތު 10 މަޢުޟޫއަކަށް ކުދިން މަޝްވަރާކޮށް ޕްރެޒެންޓޭޝަން ހުށަހަޅާފައިވެއެވެ.
މި ފޯރަމްގައި ބައިވެރިވި ކުދިންވަނީ އެކުދިން އަނބުރާ ސްކޫލަށްގޮސް ފޯރަމްއިން ދަސްވި މައުލޫމާތު އެހެން ކުދިންނަށް އަންގައިދިނުމުގެ ގޮތުން ކުރާނެ ކަންކަމުގެ އެކްޝަން ޕްލޭންއެއް ވެސް އެކުލަވާލިއެވެ.