މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަލަށް ތަރައްގީކުރަން ނިންމާފައިވާ ކ.ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑރ.މުޙައްމަދު މުޢިއްޒު ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ފުށިދިއްގަރުފަޅުން 1,280 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި, އެ ތަނުން 11,900 އަށްވުރެ ގިނަ ގޯއްޗާއި 26,000 ފުލެޓު އިމާރަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް އިއްޔެ ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި ވަނީ ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނައިފައެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް ކުރިއަށް އޮތް ތިން އަހަރަށް ޖުމްލަ 1.4 ބިލިއަން ރުފިޔާ ބަޖެޓުން ޚަރަދުކުރަން ވަނީ ނިންމައިފައެވެ.
އެއީ އަންނަ އަހަރަށް ކަނޑައެޅި 400 މިލިއަން ރުފިޔާއާއި 2025 ވަނަ އަހަރަށް 600 މިލިއަން ރުފިޔާއާއި 2026 އަށް 350 މިލިއަން ރުފިޔާއެވެ.
ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާއިރު މިހާރު ހިނގަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ވެސް ވަނީ ފައިސާ ހިމަނައިފައެވެ.