ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅެމުންދިޔަ ޗައިނާގެ އަންހެން މީހާ މިހާރު ހުރީ އެ އިދާރާގެ ޑިޓެންޝަން ފެސިލިޓީގައި ކަމަށާއި އޭނާ ފުރުވާލުމުގެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައި ދިނުމަށް މިހާރު މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެދިފައިވާ ކަމަށް މޯލްޑިވްސް އިމިގުރޭޝަނުން ބުނެފިއެވެ.
އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އުޅެމުން ދަނިކޮށް ޗައިނާގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މި މަހުގެ 19 ވަނަ ދުވަހުއެވެ. އަދި ހަމަ އެ ދުވަހު އޭނާ އިމިގުރޭޝަނާ ހަވާލުކުރިއެވެ.
ފުލުހުން ބުނި ގޮތުގައި އެ އަންހެން މީހާ ވަނީ އެއާޕޯޓުތެރޭގައި އެހެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުންފަދަ އަމަލުތައް ހިންގައިފައެވެ.
އިމިގުރޭޝަނުން މިއަދު ބުނީ އޮކްޓޫބަރު 19 ވަނަ ދުވަހު ޓޫރިސްޓު ފުލުހުން ބިދޭސީ މީހާ ހަވާލުކޮށްފައިވަނީ އޭނާ އެއާޕޯޓުގެ ވެއިޓިންގ އޭރިއާގައި ހުންނަ ގޮނޑިބަރީގައި ނިދައި އެތަން ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާ ގޮތަށް އަމަލުތައް ހުރިކަން ފާހަގަކުރެވިގެންނާއި ހަމަ އެދުވަހު އެނބުރި ގައުމަށް ދިއުމަށް ޗެކިންވެ އިމިގުރޭޝަން ކްލިއަރެންސް ނިމުނު ފަހުން ފްލައިޓަށް އެރުމަށް ދެކޮޅު ހަދައި ފްލައިޓުން އޮފްލޯޑްކޮށްފައިވުމުން ކަމަށެވެ. ނަމަވެސް އެ އިދާރާގެ ޑިޓެންޝަން ފެސިލިޓީގައި އަންހެނުން ބެލެހެއްޓުމުގެ ޚާއްސަ އިންތިޒާމު އަދި ހަމަޖެހިފައިނުވާތީ ވީ އެންމެ އަވަސް ފުރުސަތެއްގައި ފުރުމަށް އޭނާއަށް އެންގިކަމަށެވެ. އަދި އޭނާ މިކަމަށް އެއްބާރުލުން ދީފައިނުވާތީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އެހީތެރިކަމާއެކު މި ބިދޭސީ ފަރާތުގެ އާއިލާއާ ގުޅިގެން ރާއްޖެއިން އޭނާ ފުރުވާލުމުގެ އިންތިޒާމު ވީހާވެސް އަވަހަކަށް ހަމަޖައްސައިދެއްވުމަށް މިހާރު ވާނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އެދިފައިވާ ކަމަށެވެ.
އޭނާ ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި ވެސް އޭނާގެ އަމަލުތައް އާންމުންނަށް އުނދަގޫވާ ގޮތަށް ހުރުމުން ޚާއްސަ އިންތިޒާމެއްގެ ދަށުން އިއްޔެއިން ފެށިގެން ފުރުވާލުމާ ހަމައަށް އޭނާ ވަނީ އެ އިދާރާގެ ޑިޓެންޝަން ފެސިލިޓީގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް އިމިގުރޭޝަނުން ބުންޏެވެ.