ވެރިކަން ދެމެހެއްޓުމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދިނުމަށްޓަކައި, އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީއިން ބޮޑު އަޣުލަބިއްޔަތެއް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް އެ ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޔާމީން ވިދާޅުވީ މިހާރު މި އޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއް ކަމަށާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރައްވާނެ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރަންވީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ދެން އަޅުގަނޑުމެން މަސައްކަތް ކުރަންވީ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ހޯދުމަށް“
ޔާމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕީޕީއެމް/ޕީއެންސީއަށް މުހިންމުވަނީ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ.
ޔާމީން ވަނީ ރައްޔިތުންނަށް މަންފާވާ ގޮތަށް ނޫނީ އެމަނިކުފާނުގެ ސަރުކާރުގައި ވެސް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.