އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ޖަލްސާއަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުރަސް ނާޅާނެ ކަމަށް ޕީޖީ ލީޑަރު، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަސްލަމް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިޔަށް ނުގެންގޮސް އެހެން އެއްވެސް އިތުރު މަސައްކަތެއް ކުރުމަށް ތަން ނުދޭނެ ކަމަށާއި މަޖިލީހުގެ ގަވާއިދުގައި ވެސް އޮންނަނީ އެގޮތަށް ކަމަށެވެ.
ހަމަ އެހެންމެ އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ ޖަލްސާއާ މެދު އަދި ވަކި ގޮތެއް އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައި ނުވާކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ގަވާއިދާ ހިލާފަށް ބޭއްވޭ ޖަލްސާއަކަށްވީ ނަމަވެސް އެފަދަ ޖަލްސާއަކަށް ވަކި ގޮތެއް ނުނިންމާ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އެ ޖަލްސާއަށް ހުރަސް އެޅުމުގެ ރޫހެއް އެމްޑީޕީގެ ޕާލެމަންޓްރީ ގުރޫޕުގައި ނެތްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގެ ޖަލްސާތައް ހުއްޓުވާ ގޮތަށް، ހުވާކުރައްވާ ޖަލްސާ ނުހުއްޓުވާނެ ކަމަށް ވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވަކި ގޮތެއް ކަނޑަނޭޅެނީސް ނަޝީދު ރިޔާސަތުގައި ހުންނަވައިގެން އިންތިޚާބީ ރައީސް ޑރ. މުޢިއްޒު ކުރައްވާ ހުވަޔަކީ ޤާނޫނީގޮތުން ސައްހަ ހުވައެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް އެމްޑީޕީގެ ޕާލެމަންޓްރީ ގްރޫޕުން ވަނީ މީގެ ކުރިން ބުނެފައެވެ.