އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އާންމުންގެ 1000 މީހުން ބައިވެރިކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބުނެފިއެވެ.
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 3,500 އެއްހައި ބޭފުޅުންނަށް ދައުވަތު އަރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އެ ބޭފުޅުންގެ ތެރޭގައި ގައުމުތަކުގެ އިސް ވެރިން ވެސް ހިމެނިވަޑައިގަންނަވައެވެ.
އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ފާހަގަކުރައްވައި އިންތިގާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ އާންމުންގެ ތެރެއިން 1000 މީހުން މި ރަސްމިއްޔާތުގައި ބައިވެރިކުރުމަށް ނިންމާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މަަސައްކަތް ކުރަމުން މިދަނީ އިތުރު 1000 އާންމުންނަށް އާންމުކޮށް ހުޅުވާލެވިގެން މި ރަސްމިއްޔާތުގައި ބައިވެރިވެވޭނެ ފުރުސަތު ހުޅުވައިލުމަށް.“
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ނޮބެމްބަރު މަހުގެ 17 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތަށް އެ ތަން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.