ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުނަގާނަމަ މަޖިލީހުގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިއަދުގެ ޖަލްސާގެ އެޖެންޑާ ލިބުމުން އެކަމާއި މެދު ދެކޭގޮތް މަޖިލީހުގެ އިދާރާއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިފައިވަނިކޮށް އެ މަސައްކަތް ކުރިއަށް ނުގެންގޮސް އިތުރު މަސައްކަތް ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ ރޫހަކީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން ދޭންޖެހޭ މުއްދަތުތައް ދިނުމަށްފަހު ވީހާވެސް އަވަހަކަށް އެބޭފުޅަކަށް މެންބަރުންގެ އިތުބާރު އޮތްތޯ ނުވަތަ ނެތްތޯ ކަށަވަރު ކުރުން ކަމަށެވެ.
އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހާ އިތުރަށް ބާއްވާ ކޮންމެ ޖަލްސާއަކީ ޤާނޫނާ ހިލާފު ޖަލްސާއެއް ކަމަށް ގަބޫލުކުރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ކުރިއަށް ދެވޭނެ ގޮތަކަށް ހައްލެއް ލިބޭތޯ ވަރަށް މަސައްކަތް ކުރެވުނު ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އުންމީދު ކުރަނީ މިކަމުން ވީހާވެސް އަވަހަކަށް އަރައިގަތުމަށް ކަމަށާއި އަދި އުންމީދު ކުރަނީ މިކަމުގައި ސުޕްރީމް ކޯޓުން ވީހާވެސް އަވަހަށް ގޮތެއް ނިންމެވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.