ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އެ ކަމަށް ހުރަސް އަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަފީފުކަން އިދާރީ މޭޒުން މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ އިއުލާންކުރެއްވި ހިސާބުން އެމްޑީޕީ މެންބަރުންތަކެއް ރިޔާސީ މޭޒުގެ ކުރިމައްޗަށް އެއްވެ ދުންމާރި އާއި ތާޅަފިލި ގޮއްވައި އަޑުގަދަ ކުރައްވައި އިހުތިޖާޖު ކުރައްވަން ފެއްޓެވިއެވެ.
އެމްޑީޕީ ބައެއް މެންބަރުން ވަނީ މަޖިލީހުގެ އަމީން އާއްމު އެކަން އިއުލާން ކުރުމަށް ވެސް ހުރަސް އަޅުއްވައިފައެވެ. މައިކު ކަނޑުއްވައިލައްވައިފައެވެ.
ޖަލްސާގެ ރިޔާސަތަށް ވަޑައިގަތުމަށް އަމީން އާއްމު އަފީފަށް ދެންނެވި އިރު ރިޔާސަތުގައި ހުންނަ ގޮނޑިއަށް އަފީފު ވަޑައިގަތަ ނުދިނުމަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވަޑައިގެން އިންނެވީ އެ ގޮނޑީގައެވެ.
ރިޔާސަތަށް ވަޑައިގަތުމަށް ޓަކައި އަފީފު އެ ގޮނޑީގެ ކުރިމައްޗަށް ރައީސްގެ މޭޒުކޮޅަށް ވަޑައިގެންނެވުމުން ނިހާދު އަފީފަށް ހުރަސް އަޅުއްވައި ކޮއްޕަވައި ހެއްދެވުމުގެ ތެރޭގައި ގޮނޑިއާއެކު ނިހާދު ފަތަށް ވެއްޓިވަޑައިގަތެވެ.

ދެން އަފީފު މަސައްކަތް ކުރެއްވީ ކޮޅަށް ހުންނަވައިގެން ޖަލްސާ ފެއްޓެވުމަށެވެ. އެގޮތުން ރައީސްގެ މޭޒުކޮޅުގައި ހުރި މައިކުން އަފީފު ވާހަކަ ދައްކަން މަސައްކަތްކުރައްވަން ފެއްޓެވުމުން ނިހާދު ތެދުވެވަޑައިގެން އެކަމަށް ހުރަސް އަޅުއްވައި މައިކު ކަނޑުއްވައިލައްވައި އެޖެންޑާ ވެސް އެއްލަވައިލެއްވިއެވެ.
އެ 2 މެންބަރުންގެ މެދުގައި އެކަންތައްގަނޑު ހިނގަނިކޮށް ދެން އެތަނަށް ވަޑައިގެންނެވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދެވެ.
ރާޝިދާއެކު ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް އަފީފު އަރިހަށް ވަޑައިގެންނެވިއެވެ. ފެނުނު ގޮތުގައި އާޒިމް މަަސައްކަތް ކުރެއްވީ މައްސަލަ ހައްލު ކުރެއްވުމަށެވެ.
ނަމަވެސް އޭގެ ފަހުން އެމްޑީޕީގެ އިތުރު މެންބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުއްވިއެވެ. އެންމެ ފަހުން އަލީ އާޒިމް އަފީފު ގޮވައިގެން ރިޔާސަތުގެ ތިރިއަށް ވަޑައިގެން ރިޔާސަތުގެ މޭޒާ ދިމާލުން ހުރި ދޮރުން ބޭރަށް ނިކުންނެވިއެވެ.
ރައްޔިތުންގެ މަޖިލިސް ތެރޭގައި އެމްޑީޕީން އިހުތިޖާޖު ކުރަން ފެށީ މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް އެެޖެންޑާ ކުރި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުދާތީއެވެ.