ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
މުވައްޒަފުންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ބީއެމްއެލްއަށް 15، 20، 25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްފައިވާ 64 މުވައްޒަފުންނަށް ވަނީ އެވޯޑް ދީފައެވެ.
އެ ހަފްލާގައި ބޭންކަށް 40 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް އިންޓަރނަލް އޮޑިޓް ފާތިމަތު ރަޝީދާއަށް ވަނީ ޚާއްޞަ އެވޯޑެއް ދީފައެވެ.
މީގެ އިތުރުން 35 އަހަރުގެ ދިގު މުއްދަތެއްގައި ޚިދުމަތްކޮށްފައިވާތީ ހެޑް އޮފް ބްރާންޗަސް އެންޑް ސަރވިސް ސެންޓަރސް ހުސައިން ރަޝީދު، އޮޑިޓް މެނޭޖަރ އައިމިނަތު ހަސަން އަދި ޑެޕިއުޓީ ސީނިއަރ އޮފިސަރ އައިމިނަތު ނަސީރުގެ ޚިދުމަތް ވެސް އެ ހަފްލާގައި ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްފައެވެ.
އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވަނީ އެ ބޭންކުންގެ ކާމިޔާބީގައި މުވައްޒަފުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ.
”އަޅުގަނޑުމެންގެ މުވައްޒަފުންނަކީ އަޅުގަނޑުމެންގެ ކާމިޔާބީގެ މުހިންމު ބައެއް. އެހެންކަމުން ފާއިތުވި އަހަރުތަކުގައި ހިވާގިކަމާއެކު ތިޔަކޮށްދެއްވި ބުރަ މަސައްކަތަށް ތިޔަ ކޮންމެ މުވައްޒަފަކަށްވެސް އަޅުގަނޑު ވަކިވަކިން ޝުކުރުއަދާކުރަން. މިރޭ އެކަން ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް“ ކާރލް ސްޓުމްކަ ވިދާޅުވިއެވެ.
ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކަށްވާ އިރު ބީއެމްއެލްގައި މަސައްކަތްކުރާ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.